10 May 2015, 17:27
އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތް ދޭ އަމާނާތަކަފުލް އަށް ފާއިތުވި އަހަރު ލިބުނު ފައިދާގެ ތެރެއިން 2.6 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ނިންމާފި އެވެ.
މިއަދު މެންދުރު ފަހު މޫކައި ސޫޓްސްގެ ބޭއްވި ޖަލްސާގައި އެ ކުންފުނީގެ މާލީ ހިސާބުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. ފާއިތުވި އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 9.28 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ 2013 ވަނަ އަހަރާއި އަޅާބަލާއިރު 27.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އަހަރީ އާއްމު ޖަލްސާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަމާނާގެ ޗެއާމަން ތައްޔިބު އަކުބަރު އަލީ ވިދާޅުވީ އަމާނާތަކާފުލްގެ ވިޔަފާރި ހުރިހާ ގޮތަކުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ކުންފުނީގެ ނަފާއިން ހިއްސާދާރުންނަށް ރަނގަޅު ނަފާއެއް ދެވޭތީ އެކަމާ އުފާ ކުރަން،" ތައްޔިބު ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަރީޒް ސުލައިމާން ވިދާޅުވީ އަންނަ އަހަރު ކުންފުނީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އަތޮޅުތެރޭ އަށް ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.
"މިހާރު ވެސް އެޖެންޓުން މެދުވެރިކޮށް އަތޮޅު ތެރޭގައި ހިދުމަތް ދެމުން މި ދެނީ. އިރާދަކުރެއްވިއްޔާ މިއަހަރު ވީހާވެސް ބޮޑަށް އަތޮޅުތެރެއަށް ވިޔަފާރު ފުޅާ ކުރުން މަގުސަދަކީ،" ހަރީޒް ސުލައިމާން ވިދާޅުވި އެވެ.
އަމާނާއިން ވަނީ އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބަދަލެއް ދޭން ނުޖެހޭ ފަރާތްތަކަށް ސާޕްލަސްގެ ގޮތުގައި 13 ޕަސެންޓް ބަހާނެ ކަމަށް ވެސް ބުނެފަ އެވެ.
އަހަރީ ޖަލްސާގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އިންޑިޕެންޑެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ބޯޑުގައި އިންނެވި ޑރ. އަބުދުﷲ ޝިހާމު ހަސަން އަލުން އެ މަގާމަށް އިންތިޚާބުކޮށްފަ އެވެ.
އިސްލާމީ އިންޝުއަރެންސްގެ ހިދުމަތް ރާއްޖޭގައި އެއްމެ ފުރަތަމަ ދޭންފެށި އަމާނާގައި 800 އަށް ވުރެ ގިނަ ހިއްސާދާރުން ތިބެ އެވެ.