10 May 2015, 16:46
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުއަށް އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަދީބާއި ރައީސް ޔާމީން އަދި ކޮމިޝަރު އޮފް ޕޮލިސް ހުސައިން ވަހީދަށް އިންޒާރުދީ ޔޫޓިއުބުގައި ވީޑިއޯއެއް އާންމުކޮށްފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޔޫޓިއުބުގައި އިއްޔެ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ގައުމީ ދިދައިގެ ކުރިމަތީގައި މޫނުފޮރުވައިގެން ހުރި މީހަކު ބުނަނީ އެއީ އަނިޔާވެރިކަމާ ދެކޮޅަށް ދޭ ފަހުގެ އިންޒާރުކަމަށެވެ. އެ ވީޑިއޯގައި ވާހަކަދައްކާ މީހާ ބުނަނީ އޭނާއެ މުޚާތަބުކުރަނީ ދިވެހި ގައުމާ ކަމަށާއި އެގޮތަށް ގައުމާ މުޚާތަބުކުރަން ޖެހުނީ އެހެން ގޮތެއް ނެތިގެން ކަމަށެވެ.
އެ ވީޑިއޯގައި ވާހަކަދައްކާ މީހާ ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމަށް "ސަރުކާރުން ހެދިގޮތަށް" އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ އަށް ހަދަން ދޫ ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަޚު އައްޝައިހު އިމްރާނު ނުހައްގުން ޖަލަށް ލައި ހުކުމް ކުރުމަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން،" އެވީޑިއޯގައި ވާހަކަދައްކާ މީހާ ބުންޏެވެ.
ޓޫރިޒަމް މިނިސްޓަރު އަދީބާއި ރައީސް ޔާމީން އަދި ކޮމިޝަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ އިތުރުން ފަނޑިޔާރުންނަށް ވެސް އެ ވީޑިއޯގައި އިންޒާރުދީފައި ވެއެވެ.
"އިމްރާނަށް ނުހައްގުން ހުކުމް އިއްވައިފި ނަމަ ކަލޭމެނާއި ކަލޭމެންގެ ލޭ އަހަރެމެންނަށް ހަލާލުވާނެކަން ދަންނާތި،" އެ ވީޑިއޯގައި ވާހަކަދައްކާ މީހާ ބުންޏެވެ.