10 May 2015, 17:13
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމް އިސްތިއުނާފު ކުރާނީ ޝަރުތުތަކެއް ފުރިހަމަވުމުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ސޯލްޓު ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން ކަނޑައަޅާފައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފުކުރަންޖެހޭނެ ކަމަށް ކަމަށެވެ.
ހިސާނު ވިދާޅުވީ ރައީސް ނަޝީދަށް ހުކުމް އިއްވިތާ 10 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އިސްތިއުނާފުކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ 10 ދުވަހުގެ މުއްދަތެކޭ އިސްތިއުނާފުކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާފައި މިއޮންނަނީ. އެ 10 ދުވަހުގެ މުއްދަތު ހަމަވުމަށް ފަހުގައި ހައިކޯޓަށް އިސްތިއުނާފީ މައްސަލައެއް ބަލައިގަނެ، މައްސަލައެއް ހިންގޭނެ އެއްވެސް އުސޫލެއް ގާނޫނީ ހަމައެއް ނެތޭ. ކުރީގަވެއްޖެއްޔާމު ކޯޓުތަކާ ބެހޭ ގާނޫނުގައި އެފަދަ ޑިސްކްރިޕްޝަނަރީ ޕަވާއެއް ނުވަ އިޚްތިޔާރީ ބާރެއް ހައިކޯޓަށް ލިބިގެންވޭ. އެކަމަކު އެމާއްދާ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގެ ދަށުން އުވާލާފަ،" ހިސާން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ އިސްތިއުނާފަށް ތައްޔާރުވުމަށްޓަކައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ ރެކޯޑިންގް ވެސް ބޭނުންވާ ކަމަށެވެ. ސަބަބަކީ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓާއެކު ދޫކޮށްފައިވާ ރައީސް ނަޝީދު ކޯޓަށް ދީފައިވާ ބަޔާންތަކުގައި އެމަނިކުފާނު ކޯޓުގައި ދެއްކެވި ބައެއް ވާހަކަފުޅުތައް ހިމަނާފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޔޫއެންގެ އަދުލުއިންސާފާ ބެހޭ ސްޕެޝަލް ރެޕަޓުއާ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ނުރަނގަޅު ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ލަފާދީފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެކަންކަން އިސްލާހުކޮށްފައިނުވާ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރެވޭނީ އެކަންކަން ވެސް ރަނގަޅު ކުރުމުން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
މައްސަލަ އިސްތިއުނާފުކުރަން އެންމެބޮޑަށް ބޭނުންފުޅުވަނީ ރައީސް ނަޝީދު ކަމަށާއި އެކަންކަން ފުރިހަމަވުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރަން ރައީސް ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"މިކަންކަން މިހެން ހުރީމަ ރައީސް ނަޝީދު އެއުޅުއްވަނީ އިސްތިއުނާފުކުރަން ދަތިވެގެން މިހާރު މިހާރު އަތުގަ އޮތް ލިޔުމަކާ އެކީ. އެހެންވީމަ ހުރިހާ ލިޔުމެއް އަޅުގަނޑުމެންނަށް ލިބި، އެކަންކަން އަޅުގަނޑުމެންނަށް ދިރާސާކުރެވި ދެން އަޅުގަނޑުމެންނަށް އިސްތިއުނާފުކުރެވޭނެ ގޮތެއް ޝަރުއީ މަރުހަލާގެ ތެރެއިން، ގާނޫނުގެ ތެރެއިން ލިބިއްޖެއްޔާ އަޅުގަނޑުމެން އިސްތިއުނާފު ކުރާނަން. ރައީސް ނަޝީދު އެ ވިދާޅުވަނީ ތަކުރާރުކޮށް ރައީސް ނަޝީދަށްވުރެ ބޮޑަށް މި މައްސަލާގައި އިސްތިއުނާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނެތޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.