ސަންޢާ (މޭ 10) :ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 5 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއިން ހުށަހެޅި ހުށަހެޅުމަށް ޔަމަންގެ ޙޫޘީ ހަނގުރާމަވެރިން އެއްބަސްވެއްޖެ އެވެ.

ހޫޘީންނަށް ތާއީދުކުރާ ޔަމަންގެ ސިފައިންގެ ކޮމާންޑްގެ ތަރްޖަމާން ކާނަލް ޝަރަފް ލުގްމާން ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 6:00 ން ފެށިގެން 5 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް ޔަމަންގެ ސިފައިންނާއި ހޫޘީން އެއްބަސްވާ ކަމަށާ މިކަން އދ. އަށް އަންގާފައިވާނެ ކަމުގަ އެވެ. ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ ހޫޘީންނާ އަދި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ސައޫދީ އަރަބިޔާއިން ބުނެފައި ވަނީ ޙާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 5 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް އދ. ން އެދުނު އެދުމަކަށް އިޖާބަ ދިނުމަށް ނިންމާފައިވާ ކަމުގައެވެ.

ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަޙްމަދުލްއުސައިރި ވިދާޅުވީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 6:00 ން ފެށިގެން 5 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއާއި އެ ގައުމާއެކު ކޯލިޝަން ހަދާފައިވާ ގައުމުތަކުން ނިންމާފައިވާ ކަމުގައެވެ.

ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށްޓަކައި ޔަމަންގެ އެއާޕޯޓްތަކަށާއި ކަނޑުގެ ބަނދަރުތަކަށް ޙަމަލާތައް ދިނުން ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށާއި އެ ގައުމު އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ގައުމުތަކަށް އދ. ން މިދިޔަ ހަފްތާގައި ވަނީ ގޮވާލާފަ އެވެ. އދ. ގެ މަސްއޫލުވެރިއެއް ކަމަށްވާ ޔުހާންސް ވާން ޑިކްލާވް ވިދާޅުވީ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އދ. ން ތައްޔާރުވަމުންދާ ކަމަށާއި އެ އޮޕަރޭޝަންގެ ބޮޑުބައި ހިންގާނީ ވައިގެ މަގުންކަމުގަ އެވެ.

ޔަމަންގެ ރައްޔިތުންނަށް ބޭނުންވާ އެތަށް ހާސް ޓަނެއްގެ ކާބޯތަކެއްޗާއި ބޭހާއި ފޭލިގެފަދަ އިންސާނީ އެހީގެ ތަކެތި ޔަމަނަށް ފޮނުވަނީ ވައިގެ މަގުން އަވަށްޓެރި ޖިބޫތީ މެދުވެރިކޮށެވެ. މިކަމަށްޓަކައި ޖިބޫތީ އާއި ޔަމަނާދެމެދު ވައިގެ ވަގުތީ ބްރިޖެއް އެޅިގެންދާނެ ކަމަށްވެސް ޑިކްލާވް ވަނީ ވިދާޅުވެފައެވެ.
އަނެއްކޮޅުން ޑިކްލާވް އިއްޔެވަނީ ސައޫދީން އިސްކޮށް ތިބެގެން ޔަމަނަށް ދެމުން ގެންދާ ޙަމަލާތައް އދ. ން ވަރަށް ބޮޑަށް ކުށްވެރިވެސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ސައޫދީން ދެމުން ގެންދާ ވައިގެ ގިނަ ޙަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ މުޅިން ޚިލާފު ޙަމަލާތަކެއް ކަމަށާ މި ޙަމަލާތައް އަމާޒު ކުރަމުން ގެންދަނީ އާންމުންގެ ގެދޮރުފަދަ މަދަނީ ތަންތަނަށް ކަމުގަ އެވެ. މަދަނީ ތަންތަނަށް ޙަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވިދާނެ ކަމަށާ އެހެންކަމުން ޙަމަލާތައް ހުއްޓާލުމަށް ސައޫދީ އަރަބިޔާއަށާއި ކޯލިޝަންގެ އެހެން ގައުމުތަކަށް އިލްތިމާސްކުރާ ކަމަށްވެސް ޑިކްލާވް ވިދާޅުވިއެވެ. އަނެއްކޮޅުން ޔަމަންގެ ހޫޘީންގެ މައްޗަށްވެސްވަނީ އެޖަމާއަތާ އިދިކޮޅު ޔަމަންގެ އާންމުންނަށާއި އެމީހުންގެ ގެދޮރުފަދަ ތަންތަނަށް ހަމަލާތައްދޭ ކަމުގެ ތުހުމަތު އދ. ން ކޮށްފަ އެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަންގެ ތަރްޖަމާން ބްރިގޭޑިޔަރ އަހްމަދުލްއުސައިރީ ވިދާޅުވިގޮތުގައި ފާއިތުވި ސައުވީސް ގަޑީއިރު ތެރޭގައި ސަމަންގެ 130 އަމާޒަކަށް ކޯލިޝަންގެ ގައުމުތަކުން ވަނީ ޙަމަލާތައް ދީފައެވެ. ޔަމަންގެ ހޫޘީންނާ ދެކޮޅަށް ސައޫދީން ދެމުން ގެންދާ ޙަމަލާތަކަށް ދޮޅުމަސް ވާން ގާތްވެފައިވާއިރު އެޙަމަލާތަކުގައި އެއްހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)