މަޝްހޫރު ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގައި ބައިވެރިވިކަމަށްބުނެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ބަޔާންދީފައި ވަނީ ހާސްކަމެއްގެ ތެރޭގައި ހުރެ ކަމަށާއި އެއީ ސައްޚަ ބަޔާނެއް ނޫން ކަމަށްށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ ބުނެފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަނާ އެގޮތަށް ބުނެފައި ވަނީ ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އެއީ ވަރަށް ބޮޑު ކަމެއްވީމަ. އެދުވަހު ބަޔާންދެވުނީ ވަރަށް ހާސްވެ ހުރެ،" ހަނާ ބުންޏެވެ.

ނަޖީބުގެ މަރުގެ ހާދިސާއާ ބެހޭގޮތުން ފަނޑިޔާރުން ވަނީ ހަނާއާ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދެމުން މީގެ ކުރިން ވެސް ކޯޓުގައި ބުނެފައިވާ ގޮތަށް ނަޖީބު މަރާލުމުގައި އަމަލީގޮތުން ބައިވެރި ނުވާ ކަމަށް ހަނާ މިއަދުވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ނަޖީބު ގޮނޑީގައި ބަނުމަށް ޓޭޕު އެޅުމުގައި ހަނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހްމަދު މުއްރަތާ އެކު ބައިވެރިވެފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

ނަޖީބު މަރާލުމުގައި ބައިވެރިނުވާކަމަށް މިހާރު ހަނާބުނާއިރު، މަރާލުމުގައި ބައިވެރިނުވެ ކުރީ ކޮން ކަމެއްތޯ ފަނޑިޔާރުން ސުވާލުކުރުމުން އޭނާ ބުނީ ނިދީ ކަމަށެވެ. އެއާ ގުޅިގެން ފަނޑިޔާރުން ސުވާލުކުރީ "ނަޖީބު މަރާލުމަށް ބައިވެރި ނުވާން ނިދީތޯ ނުވަތަ ވޮޑްކާ އަދި މަސްތުވާތަކެތި ބޮއެގެން ނިދުނީތޯ" އެވެ.

އެސުވާލުގެ ޖަވާބުގައި ހަނާ ބުނީ މަސްތުވެގެން ނިދުނީ ކަމުގަ އެވެ. ފަނޑިޔާރުން މިއަދު ކުރި ގިނަ ސުވާލުތަކުގެ ޖަވާބުގައި ހަނާ ބުނެފައި ވަނީ ސުވާލުތަކުގެ ޖަވާބުގައި ހަނާ ބުނެފައި ވަނީ އެ ސުވާލުކުރި ކަންތައް މިހާރު ހަނދާނަކު ނެތް ކަމަށެވެ.

ހަނާގެ ފަރާތުން މިއަދު ކޯޓުގައި ވާހަކަ ދައްކަވަމުން ހަނާގެ ވަކީލު އަހްމަދު ޝާފިއު ވިދާޅުވީ ނަޖީބު މަރާލުމުގެ ގަސްތެއް ހަނާގެ ކިބާގައި ނެތް ކަމަށާއި، އެހެންކަމުން ހަނާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހަނާ ދީފައިވާ ބަޔާނުންވެސް ނަޖީބު މަރާލުމުގެ އެއްވެސް ނިޔަތެއް ހަނާގެ ކިބައިގައި ނެތް ކަން ސާބިތުވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ކުރުމުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ޝަރުތުތަށް ހަނާގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ހަނާގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ ހަނާގެ ފަރާތުން މިއަދު ދެއްކި ވާހަކަތަކަށް ޖަވާބުދާރީވުމަށް ހަފްތާއެއްގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

ހަނާގ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ އެމައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުންނެވެ. ކުރިން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ އޭނާގެ ބަދަލުގައި ބެންޗުގައި އިންނަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.

ހަނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މުއްރަތުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތަށް ނިމި މިހާރު ވަނީ ހުކުމް ކުރުމާ ހަމައަށް ގޮސްފަ އެވެ.