26 Feb 2011, 16:16
އެފްރިކާގެ ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ކުރީ ކޮޅު ގިނީ އާއި ގެބޮންގައި ބާއްވަން ނިންމައިފި އެވެ.
ޖެނުއަރީ 21 އިން ފެބްރުއަރީ 12 އަށް ބާއްވާ މުބާރާތް ހުޅުވާނީ ގިނީގަ އެވެ. ފައިނަލް ކުޅޭނީ ގެބޯންގަ އެވެ.
މި ފަހަރު މުބާރާތް މި ބާއްވަނީ ހުސްވި އަހަރުގެ މުބާރާތް ބޭއްވި ތާރީހަށްވުރެ ހަފުތާއެއް ފަހުންނެވެ. މި ގޮތަށް ހަމަޖެއްސީ ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ކުޅުންތެރިން ދޫކުރަން ޖެހޭތީ ނުރުހުން ފާޅު ކުރުމާއެކުގަ އެވެ. މި ފަހަރު ތާރީހު އޮތް ގޮތުން ޔޫރަޕުގެ ގިނަ ލީގުތަކުގައި މުބާރާތުގެ ކުރިން ވިންޓް ބްރޭކް ނަގާތީވެ ކުޅުންތެރިންނަށް ކުރީ އަހަރުތަކާ ހިލާފަށް ގިނަ އަދަދެއްގެ ކުލަބު މެޗުތަކެއް ނުގެއްލޭނެ އެވެ.
ފީފާގެ ގަވާއިދު ބުނާ ގޮތުން ގައުމީ ޓީމުގެ މުބާރާތްތައް ފެށުމުގެ 14 ދުވަސް ކުރިން ކުލަބުތަކުން ކުޅުންތެރިން ދޫކުރަން ޖެހެ އެވެ.