10 May 2015, 16:29
ދައުލަތުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ލިބޭނެ ގޮތް ހެދުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހުގެ އިނާޔަތާ ގުޅޭ ގޮތުން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނިހާން ވިދާޅުވީ، ރޯދަމަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކޮށް ދިނުމުގެ އުސޫލެއް ގެންގުޅެން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި އެކަމަށް ރަނގަޅު ހައްލެއް ރައްޔިތުންނާ ހަމައަށް ރައީސް ގެނެސްދެއްވާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
"މިހާރު ގާނޫނުގައި އޮންނަ ގޮތުން ވެއްޖިއްޔާ 2000 ރުފިޔާ އެބަ ދޭންޖެހޭ. އަދި މުސާރަ 2000 ރުފިޔާއަށް ވުރެއް ދަށް މުވައްޒަކަށްވެސް 2000 ރުފިޔާގެ އިނާޔަތެއް ދޭންޖެހޭ. އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވިފައި އިން އިސްލާހެއް ތަންކޮޅެއް ކުރީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި. ދެން އޭގެއިން 10000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މީހަކަށް ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުގައި ދޭނީ 10000 ރުފިޔާއޭ ގާނޫނުގައި މިއޮންނަނީ. އަޅުގަނޑުމެން މަސައްކަތް މިކުރީ ރައީސްއާ ވާހަކަދައްކައިގެން އެކަން ހަމަހަމަ ކުރަން. އެހެން ބަލާއިރުގައި މިހާރު ލިބޭ އެއްޗެއް ބަހާލީމަ ވެސް މި ލިބެނީ 2154 ރުފިޔާ ވަރު. އެހެންވީމަ އެއީ އަދި ބަދަލަކަށް ނުވާނެތާ. އެންމެ 50 ރުފިޔާ ބޮޑުވުމަކީ،" ނިހާން ވިދާޅުވި އެވެ.
ރޯދަމަހުގެ އިނާޔަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު
ނިހާން ވިދާޅުވީ ރޯދަ މަހުގެ އިނާޔަތް މިއަހަރު ދިނުމަށް ބަޖެޓުގައި ވަކި އަދަދެއް ޖެހުމަށްފަހު އެ އަދަދު ވަނީ ފާސްކުރެވިފައި ކަމަށާއި އެހެންނަމަވެސް އަންނަ އަހަރަށް ރައްޔިތުންނަށް ހެޔޮ ގޮތެއް އެކަމުގައި ހެދޭތޯ މާލިއްޔަތު ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.
"ދިހަ ހާސް ރުފިޔާ ލިބޭ މީހުންގެ އަތުން ބަހާލީމަ ކޮންމެ މީހަކަށް މި ބޮޑުވެގެން ދަނީ 50 ރުފިޔާ ވަރު. އެހެންވީމަ އެ އަދަދަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތްތާ. މިހާރު ރޯދަ އިނާޔަތް 3000 ރުފިޔާއަށް ވެސް ބޮޑު ކުރަން މިއަހަރަށް އެބަ ބޭނުންވޭ 36 މިލިއަން ރުފިޔާ ވަރު. އެހެންވީމަ މިއަހަރަށް މިވަނީ އެކަން ބަޖެޓުކޮށް ނިންމާފައި. ދެން އަންނަ އަހަރަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން ރަނގަޅު ގޮތެއް ހެދޭތޯ." ނިހާން ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވެފައިވަނީ ރޯދަމަހުގެ އިނާޔަތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މަޝްވަރާ ކުރެއްވުމަށްފަހު ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.