މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ގދ. ކޮނަންޓާ ރިސޯޓް ފަޅުތެރޭގައި އަޅާފައިއޮތް ދޯންޏެއް އޮޔާދިޔުމާއި ގުޅިގެން އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެއީ ނޫކުލައިގެ ދަވާދު ލާފައިވާ 60 ފޫޓްގެ ފައިބަރު ދޯންޏެއް ކަމަށެވެ. އަދި ދޯނި އޮޔާދިޔައިރު އޭގައި އެއްވެސް މީހަކު ނެތްކަމަށް މައުލޫމާތު ލިބޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު ރޭ ގާތްގަނޑަކަށް 12:47 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އަދި އެ ދޯނި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް "ޝަހީދު ޢަލީ" ހަރަކާތްތެރިވަމުންދާއިރު، ހުވަދު އަތޮޅު އިރުދެކުނު ފަރާތު ބޭރުންނާއި ހުވަދު އަތޮޅު އެތެރެވަރީގެ ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.

އެ ދޯނި އޮޔާ ދިޔުމާއި ގުޅިގެން ކޮނަންޓާ ރިސޯޓް ހިމެނޭ ސަރައްދުން ދަތުރު ކުރާ އުޅަނދުފަހަރު އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށާއި، މި އުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ނުވަތަ 3391665 ނަނަބަރަށް ފެކްސް ކުރަން އެފަރާތުން އެދެއެވެ.

މޫސުން އިތުރަށް ގޯސްވަމުން އަންނާތީ މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.