10 May 2015, 15:06
ކުޑަކުދިންނަށް ލިބެމުން އަންނަ އަނިޔާތަކާ ގުޅޭ ގޮތުން ލޯ އެންޑް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ މިންވަރު މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މިއަދު އިފްތިތާހުކުރި "އަހަން" ކެމްޕޭންގައި ގެނެސްދިން ރިޕޯޓެއްގައި ބުނެފައި ވަނީ ކުޑަކުދީންނަށް ލިބެމުން އަންނަ އަނިޔަތަކާ މެދު މުޖުތަމައުގެ ޒިންމާ ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ފަރުދީ ހައިސިއްޔަތުން ނަމަވެސް އެ ޒިންމާތައް ނަގަންޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އަޅައިލާނެ ފަރާތެއް ނެތް 11 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާ ކަމަށެވެ. ކުޑަކުދިންނާ ގުޅިގެން ޖެންޑާ މިނިސްޓްރީ އަށް މިހާތަނަށް 312 މައްސަލަ ހުށަހެޅިފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ވ. ރަކީދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލުގެ މަރާ ގުޅިގެން ރިޕޯޓްކުރާ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން ކުޑަކުދިންނާ ގުޅޭ 26 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާކަމަށް ވެއެވެ.
މިއަދުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، ކުޑަކުދީންނަކީ ގައުމުގެ ރައުސުލްމާލު ކަމަށެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަކީ ރައްކާތެރިކަމާއެކު ބޮޑުވާންޖެހޭ ކުދިންތަކެއް ކަމަށެވެ. ކުޑަކުދީންނަކީ އެކުދީންގެ މައުސޫމިއްޔަތާ އުފާވެރިކަމާއި އެކު ބޮޑެތިވާންޖެހޭ ކުދިންތަކެއް ކަމަށްވެސް އަނިލް ވިދާޅުވި އެވެ.