10 May 2015, 13:32
ގައުމަށް އަންނަ ކުރިއެރުމާއި ތަރައްގީ ދެމެހެއްޓޭނީ ހަރުދަނާ ކުދިންތަކެއް ބިނާކޮށްގެން ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި "އަހަން" ކެމްޕެއިން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ ރައުސުލްމާލު ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ކުޑަކުދިންނަކީ އެކުދިންގެ މައުސޫމިއްޔަތާ އުފާވެރިކަމާއި އެކު ބޮޑެތިވާންޖެހޭ ކުދިންތަކެއް ކަމަށެވެ.
"ކުޑަކުދިންނަކީ ރައްކާތެރިކަމާއި ހިތްހަމަޖެހުމާއި އެކު ބޮޑުވަމުން އަންނަ އަހަރުތަކެއް ވޭތުވާންޖެހޭ ކުދިންތަކެއް. ތައުލީމާ ހެޔޮ ތަރުބިއްޔަތު ލިބޭ އަހަރުތައް އުފާކުރަންޖެހޭ ކުދިންތަކެއް ބިނާކުރަންޖެހޭ. މިކަން ކުރެވޭނީ މިއަދު މުޖުތަމައުގައި ބޮޑެތިވަމުން އަންނަ ކުދިންނަކީ ރައްކާތެރިކަން ލިބޭ އުފާވެރި މާހައުލެއްގައި ބޮޑެތިވާ ކުދިންތަކަކަށް ހެދިގެން،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ އެކަން އެގޮތަށް ކުރެވޭނީ މައިންބަފައިންނާއި އާއިލާގެ މެމްބަރުންގެ އިތުރުން ޓީޗަރުންނާ ގާތްތިމާގެ މީހުންނާއި މުޖުތަމައުގެ އަޅާލުމާއި ލޯބި ލިބިގެން ކަމަށެވެ.

"އަހަން" ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު އިފްތިތާހުކުރި "އަހަން" ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ އެ ކެމްޕެއިންގެ މައިގަނޑު އެއް މަގުސަދަކީ ކުޑަކުދިންނަށް ލިބެމުން އަންނަ އަނިޔާތަކާ އެކުދިންނަކީ މުޖުތަމައުއަށް ކިހާ ބޭނުންތެރި ބައެއްކަން އަންގައިދިނުން ކަމަށެވެ. އެގޮތުން އެ ކެމްޕެއިންގެ ތެރެއިން މުޖުތަމައު ހޭލުންތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"ކުޑަކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި މި ކެމްޕެއިން ކާމިޔާބު މަސައްކަތަކަށް ހެދުން ވަރަށް މުހިންމު. އެކަން ކުރެވޭނީ ދައުލަތާއި އަދި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި މިކަމުގައި މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާތަކާއި މުޖުތަމައު ގުޅިގެން މަސައްކަތްތަކެއް ކޮށްގެން. ގޭބިސީތަކުގައްޔާއި ފަރުދީ ފެންވަރުގައި އަވަށްތަކާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރެވިގެން،" އަނިލް ވިދާޅުވި އެވެ.

"އަހަން" ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ސަރުކާރުގެ ބައެއް ވަޒީރުން: ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާ ގުޅޭ ގޮތުން ސަރުކާރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ޕްރޮގުރާމުތައް އާންމުކޮށް ކުރިއަށް ގެންދަނީ ވަކިވަކިން ކަމުން އާންމުންނަށް ފޯރުކޮށްދެވޭ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުންނަކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ.