ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނުހުންނަ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށް ހައްގު ފޯރުކޮށްދެވޭ މިންވަރު ދެނެގަތުމަށް އެ ކޮމިޝަނުން ހެދި ސާވޭއަކުން ދައްކާގޮތުން އަތޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.

"މީގެ އިތުރުން މާބަނޑު ދުވަސްވަރާއި ވިހެއުމަށް ފަހު މައިންނަށް ދިމާވާ އުފަންވެނިވި ސިއްހަތާއި ގުޅުން ހުރި ތަފާތު މައްސަލަތަކުގައި އެކަށީގެން ފެންވަރުގެ ސިއްހީ ޚިދުމަތްތައް ނުލިބޭކަން ފާހަގަކުރަން. އެގޮތުން އަންހެނުންގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް އަތޮޅުތަކުގައި ދިރިއުޅޭ މައިންނަށް ނުލިބުމާއި އެޚިދުމަތް ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން،" އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި އެވެ.

ބައެއް ބެލެނިވެރިން ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދުމާއި، އަންހެން ކުދިން ސުކޫލަށް ނުފޮނުވާ މައްސަލައަކީވެސް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ އަހަރު އެޗްއާރުސީއެމަށް ހުށަހެޅިފައިވާ ކުޑަކުދިނަށް އަނިޔާވެރިވުމުގެ މައްސަލަތަކުގެ ވާހަކަ މިއަދު ނެރުނު ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކާއި، ކުޑަކުދިންނާ މެދު ބެލެނިވެރިންނާއި ދައުލަތުން އިހުމާލުވެފައިވާ މައްސަލަތަކާއި، މައިން ބަފައިންގެ ފަރާތުން ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބުމުގެ މައްސަލަ ވަނީ ފާހަގަކުރައްވާފަ އެވެ.

"އަދި މި މައްސަލަކުގެ ތެރޭގައި ޖިންސީގޯނާގެ މައްސަލަތައް ގިނަ އަދަދަކަށް ފާހަގަކުރެވޭ އިރު، ގިނަ ކުދިންނަށް ޖިންސީ ގޯނާ ލިބިފައިވަނީ އާއިލާގެ އަދި އާއިލާއާއި ގުޅުންހުރި ކޮންމެވެސް ގާތް މީހެއްގެ ފަރާތުންކަން ފާހަގަކުރެވޭ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކޮށްދިނުމާއި، އެކުދިންގެ ހައްގުތަށް ކަށަވަރުކޮށް ރައްކާތެރި އުފާވެރި ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޑަކުދިންނަށް އަނިޔާވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފަ އެވެ.