މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ އަދި ވިއްސާރަ ދުވަސް ވަރަކަށްވެފައި މޫސުން ގޯސް ވުމުގެ ސަބަބުން އެކިއެކި ހާދިސާތައް ހިނގަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރުތައް ކަނޑައިގެން ގޮސް ގެއްލުމާއި، އެނޫންވެސް ހާދިސާތައް މިދުވަސްވަރު ހިނގަމުންދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށެވެ.

"އެހެންކަމުން، މިދުވަސްވަރު އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާ ޙަވާލުވެފައިވާ ފަރާތްތަކުން ފަޅުތެރޭގައާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރަށް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ވެއެވެ.

މީގެ އިތުރުން ރޭގަނޑު ދަތުރު ކުރާނަމަ، މޫސުމަށް ހާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެބޮޑަށް ބަރުނުކުރުމަށާއި ، ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ހުރިހާ އުޅަނދެއްގައިވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ހާއްޞަ ސަމާލުކަމެއް ދިނުމަށާއި އަދި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.