ށ. އަތޮޅުގެ ވެރިކަން އަނެއްކާވެސް ފުނަދޫއަށް ބަދަލު ކުރުމަށް އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލުގެ ރައީސް މޫސާ ފަތުހީ އާދަމް ވިދާޅުވީ އެގޮތަށް ގަރާރެއް ފާސް ކުރީ ގާނޫނާ އެއް ގޮތަށް އަމަލު ކުރުމަށްޓަކައި ކަމަށެވެ.

ށ. އަތޮޅު ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށްފަހު ބޭއްވެވި ފުރަތަމަ ޖަލްސާގައި ފާސްކުރި ގަރާރު ފާސް ކޮށްފައި ވަނީ އެ ކައުންސިލުގެ ފަސް މެންބަރަކު ވޯޓު ދެއްވައިގެނެވެ.

މިއަދު ފާސްކުރި ގަރާރުގައި ބުނަނީ ބުނަނީ ލާމަރުކަޒީ ގާނޫނުގައި ށ. އަތޮޅަކީ އިދާރީ ދާއިރާއެއް ކަމަށް ބުނެފައިވާ ކަމަށާއި އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ކޮންމެ އިދާރީ ދާއިރާއަކަށް މަރުކަޒީ ރަށެއް ކަނޑައަޅަންވާނެ ކަމަށް ބުނެ، ހަމަ އެމާއްދާގެ (ށ) ގައި މަރުކަޒީ ރަށް ކަމަށް ބަލާނީ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިއިރު އަތޮޅުތަކުގައި ވެރިކަން ކުރަމުން އައި ރަށްތައް ކަމަށް ބަޔާންކުރާ ކަމަށެވެ.

ގަރާރުގައި އަދި ބުނަނީ ގާނޫނު ބުނާ ތާރީހުގައި ށ. އަތޮޅުގެ ވެރިކަން ކުރަމުން އައި ރަށަކީ ފުނަދޫ ކަމަށްވެފައި އެކަން ބަދަލު ކުރުމަށް ގާނޫނަކުން ކަނޑައަޅާފައި ނުވާތީ ލާމަރުޒީ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ށ. އަތޮޅު އަތޮޅު ކައުންސިލް އިދާރާ ހިނގަމުންދާނީ ފުނަދޫގައި ގާއިމުކޮށްފައިވާ ކުރިން އަތޮޅު އޮފީސް ހިނގި އިމާރާތުގައި ކަމަށް ކަނޑައެޅީ ކަމަށެވެ.