ސައި ހޮޓަލަކުން 20،000 ރުފިޔާ ވަގަށްނެގި މީހަކު ދެ އަހަރާއި 8 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ބަނަފްސާމަގުގައި ހުންނަ އެމްބްރޯޝިއާ ހޮޓަލުން 20،000 ރުފިޔާ ވަގަށްނެގި ކަމުގެ ކުށް ސާބިތުވެ އެ ހުކުމް އިއްވާފައި ވަނީ މ. ދިއްގަރު، އަޒުމް، އަހްމަދު އަސްޢަދު،25 ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި އަސްއަދު އެމްބްރޯޝިއާ ހޮޓަލުން 20،000 ރުފިޔާ ވަގަށްނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.