މޭވާއާއި ތަރުކާރީއަށް ބޮޑެތި ގެއްލުންތަކެއް ދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ ފުރުޓް ފްލައި، ށ. ފީވަކުން ފެނިފައިވާއިރު އެކޮންޓްރޯލް ކުރަން ގެންނަންޖެހޭ ހުރިހާ ތަކެއްޗެއް ގެނެސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓަރުގެ ނައިބު މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ފްރުޓު ފްލައި ކޮންޓުރޯލް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ހުރިހާ "ޓްރެޕް" ތަކެއް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފީވަކަށްގޮސް އެކަމުގެ މަސައްކަތް ފެށުން ލަސް ވެފައިވަނީ މޫސުން ގޯސްކަވުމުން ކަމަށެވެ.

"އެ އެއްޗިހި ވަނީ ގެނެސްފައި. މޫސުން ސަކަރާތްވެގެން ދަތުރު ނުކުރެވިގެން މިއުޅެނީ. އެރަށަކަށް އަދި ނުދެވޭ. ހުރިހާ އެއްޗެސް އައިސް ހުރީ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި މިހަފްތާގެ ތެރޭގައި އެރަށަށް ގޮސް އެސޫފި ކޮންޓުރޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފްރުޓު ފްލައިގެ އަސަރެއް ފީވަކު ފިޔަވައި އެހެންރަށަކުން ފެނޭތޯ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެހެން ރަށަކުން އެސޫފީގެ އަލާމަތެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސޫފީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއްވީ ނަމަވެސް އެއީ އިންސާނުންނަށް ގެއްލުންވާޒާތުގެ ސޫތްޕެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުރުޓް ފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ ސޫތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓު މޭވާ ހަލާކުވެގެންދެއެވެ.

ފުރުޓް ފްލައި ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސޫތްޕަކީ އޭގެ ސަބަބުން ރާއްޖޭގެ ދަނޑުވެރި ކަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ސޫތްޕެއް ކަމަށާއި އެ ސޫތްޕަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.