ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ތާވަލުކުރި ގ. ވޭރު އަބްދުލް މުހީތުގެ މަރުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި "މުހީތުގެ މަރުގެ މައްސަލަ ކެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެން" ކަމަށެވެ.

މުހީތު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ގދ. ގައްދޫ އަބުލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.

މިދިޔަމަހުގެ 15 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ވެސް ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކައި ނިމުމުން ޝަރީއަތުން އިއުލާނުކުރީ ޚުލާސާ ބަޔާން އިއްވުން އޮއްނާނީ ދެން އޮއްނަ ޝަރީއަތުގެ މަޖިލީހެއްގައި ކަމަށެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.