10 May 2015, 11:19
ސްޕެނިޝް ލީގްގައި ރޭ ބާސެލޯނާއާއި ރެއާލް ސޮދިއަދާދު ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއަކުން ބާސާ މޮޅުވެ ރެއާލް މެޑްރިޑާ ވެލެންސިއާ ބައްދަލު ކުރި މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ލީގް ހޯދުމުގެ ރޭހުގައި ބާސާއަށް އުންމީދު ބޮޑުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑު ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބާސާގެ ލަނޑުތައް ޖަހައިދިނީ ނޭމާއާއި ޕެޑްރޯ ރޮޑްރިގޭޒްއެވެ.

ބާސާގެ މެސީ އަތުން ބޯޅަ ހޯދުމަށް ސޮދިއަދާދު ކުޅުންތެރިން މަސައްކަތްކުރަނީ އެމެޗުން ބާސާ މޮޅުވެ ރެއާލް ކުޅުނު މެޗުން އެއްވަރުވުމުން ބާސާއަށް ވަނީ ލީގު ހޯދުމުގެ ފުރުސަތު ބޮޑުވެފައި --- ފޮޓޯ/ އޭޕީ
ބާސާގެ ފުރަތަމަ ލަނޑު ނޭމާ ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 ވަނަ މިނެޓް ތެރޭގައެވެ.
މިލަނޑު ނޭމާ ކާމިޔާބު ކުރީ ބާސާއިން އުފެއްދި ހަމަލާއެއް ދިފާއުކުރުމުގެ ގޮތުން ސޮދިއަދާދުގެ ޑިފެންޑަރެއް ބޮލުން ބޯޅަ ދިފާއުކުރަން މަސައްކަތްކުރުމުގެ ތެރޭގައި އޭނާގެ ބޮލުގައި ޖެހިފައި ފަހަތަށް ދިއުމުން ގޯލާ ދިމާލުގައި ހުރި ނޭމާ ބޮލުން ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ބާސާގެ ނޭމާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: އެމެޗުން ބާސާ މޮޅުވެ ރެއާލް ކުޅުނު މެޗުން އެއްވަރުވުމުން ބާސާއަށް ވަނީ ލީގް ހޯދުމުގެ ފުރުސަތު ބޮޑުވެފައި --- ފޮޓޯ/ އޭޕީ
ބާސާގެ ދެވަނަ ލަނޑު ދެ ވަނަ ހާފުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލުއިސް ޝުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޕެޑްރޯއެވެ.
ރެއާލް އަމިއްލަ ދަނޑު ސެންތިއާގޯ ބެރަނަބިއުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ ދެ ލަނޑު ފުރަތަމަ ހާފުގައި ފެނިފައިވާއިރު ރެއާލްގެ ދެ ލަނޑު ފެނިގެން ގޮސްފައިވަނީ ދެ ވަނަ ހާފުގައެވެ.
ވެލެންސިއާގެ ފުރަތަމަ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕަކޯ އެލަކާއެވެ. މިއީ ވެލެންސިއާގެ އުމުރުން 19 އަހަރުގެ ޑިފެންޑާ ޖޯޒް ލުއިސް ގަޔާ ނެގި ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ.
މިލަނޑު ކާމިޔާބު ކުރިފަހުން ރެއާލްއަށް އިތުރަށް މައްސަލަ ކުރިމަތިވީ ރެއާލްގެ މިޑްފީލްޑާ ޖަރުމަންގެ ޓޯނީ ކުރޫޒަށް އަނިޔާވެގެން ބަދަލު ކުރުމުންނެވެ.
އޭގެ ދިހަ ސިކުންތު ފަހުން ވެލެންސިއާގެ ހިލޭޖެހުން ޑެނިލް ކަރޭޖޯ ޕެނަލްޓީއޭރިއާއަށް ހުރަސް ކުރުމުން ޖާވީ ފުއެގޯ ބޮލުން ރެއާލްގެ ގޯލަށް ފޮނުވާލައިގެން ވަނީ ވެލެންސިއާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ރެއާލްއަށް ޕެނަލްޓީއެއް ލިބުނުނަމަވެސް ރޮނާލްޑޯ އޭނާގެ ކަނާތު ފައިން ފޮނުވާލި ޕެނަލްޓީ ވެލެންސިއާ ބްރަޒިލް ކީޕަރު ޑިއޭގޯ އަލްވޭސް ވަނީ ދިފާއުކޮށްފައެވެ. މިއީ ސްޕެނިސްޝް ލީގްގައި ކުޅެންފެށިފަހުން ރޮނާލްޑޯއަށް ނާކާމިޔާބުވި ދެ ވަނަ ޕެނަލްޓީއެވެ.

ރެއާލްއާ ވެލެންސިއާ ބައްދަލު ކުރި މެޗްގެ ތެރެއިން: އެމެޗުން ރެއާލް އެއްވަރުވުމުން ބާސާއަށް ވަނީ ލީގު ހޯދުމުގެ ފުރުސަތު ބޮޑުވެފައި --- ފޮޓޯ/ އޭޕީ
ރެއާލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 11 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެޕޭއެވެ. ޕެޕޭ މިލަނޑު ކާމިޔާބު ކުރީ ޖޭމްސް ރޮޑްރިގޭޒް ނެގި ކޯނަރު ޕެނަލްޓީއޭރިއާއަށް ހުރަސްވުމުން ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
ރެއާލް ގެ ދެވަނަ ލަނޑު އިސްކޯ ކާމިޔާބުކުރީ ދެ ވަނަ ހާފުގެ 33 ވަނަ މިނެޓްގައި ބޭލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިމެޗުން ރެއާލް އެއްވަރުވެ، ބާސާ ކުޅުނު މެޗުން އެޓީމް މޮޅުވުމުން ބާސާއާއި ރެއާލްގެ ދެމެދުގައި އޮތް ދެ ޕޮއިންޓްގެ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފައެވެ.
ދެ ޓީމްވެސް ބާކީ ދެ މެޗު ކުޅެން އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މޭޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން ބާސާ މޮޅުވެއްޖެނަމަ އެޓީމަށް ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.
ބާސާއާއި އެތުލެޓިކޯ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އެތްލެޓީކޯގެ ސެންތިއާގޯ ކެލްޑްރޯން ސްޓޭޑިއަމްގައެވެ.
ރެއާލްއަށް ޗެމްޕިއަންކަން ލިބޭނީ ކުރިއަށް އޮތް ދެމެޗުން ބާސާ ބަލިވެ އެޓީމް ކުރިއަށް އޮތް ދެމެޗުން މޮޅުވެގެންނެވެ.
ތާވަލްގެ އެއްވަނައިގައި ބާސާގެ އޮތީ 90 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 86 ޕޮއިންޓެވެ.