ފިޝަރީޒް މިނިސްޓްރީން ފަށާފައިވާ ޕްރޮޖެކްޓް ފޯދަ ފޯމިއުލޭޝަން އޮފް މާސްޓާ ޕްލޭން ފޯ ސަސްޓެއިނެބަލް ފިޝަރީޒް (މަސްޕްލޭން)ގެ ޕްރޮޖެކްޓްގެ ދަށުން ކަމާގުޅޭ ފަރާތްތަކާ އެ ބާއްވާ ފުރަތަމަ މަޝްވަރާބައްދަލުވުން މިއަދު ބާއްވައިފި އެވެ.

މަސްޕްލޭން ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ ފަންނީ އެހީ ލިބިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ތިން އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މަގްސަދަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ބޭނުންވާ މަސްވެރިކަމުގެ ދުރުރާސްތާ ޕްލޭނެއް ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލުމެވެ.

އެގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ކަމާގުޅޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ކުރިއަށް އޮތްތަނުގައި މަސްވެރިކަން ބައްޓަން ކުރާނެ ގޮތާމެދު ވާހަކަ ދެއްކުމާއި މަސްވެރިކަމުން ގައުމުގެ ތަރައްގީ އާއި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކުރާނެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ތަފާތު ހަތަރު ދާއިރާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަސްވެރިކަމާއި ފަރުތަކުގެ މުއްސަނދިކަމާއި ކަނޑުގެ ދިރުންތައް ވިއްސުމާއި ބޮޑުކުރުން (އެކުއަކަލްޗާ) އަދި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުން ފަދަ ކަންތައްތައް ކުރާނެގޮތާ މެދު މަޝްވަރާކުރާނެ ކަމަށް ޒަހާ ވިދާޅުވި އެވެ.

އެ ދާއިރާތަކުން ފަންނީ އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތް މިއަދު ވަނީ ފަށަފައި ކަމަށާއި އެފަދަ ޕްލޭންތައް އެކުލަވާލުމުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ ބައިވެރިވުން ލިބުމަކީ އެފަދަ ޕްލޭންތަކަށް ވަރަށް މުހިންމުކަމެއް ކަމަށް ޒަހާ ފާހަގަކުރެއްވިއެވެ.

ތިން އަހަރު ދުވަހުގެ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ މަސްވެރިކަމަށް ބޭނުންވާ 10 އަހަރުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާނެ އެވެ.