ލަންޑަން (މޭ 10) : އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް އިޙްތިޖާޖް ކުރުމުގެ ގޮތުން އިނގިރޭސި ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ލަންޑަންގައި ކުރި މުޒާހަރާތަކުގައި އެމީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައްް ބަޔަކަށް އަނިޔާވެއްޖެ އެވެ.
އަނިޔާވި މީހުންގެ ތެރޭގައި ފުލުހުންނާ އަދި މުޒާހަރާކުރި މީހުން ވެސް ހިމެނެ އެވެ. މި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވީ މުޒާހަރާކުރި މީހުން ފުލުހުންނަށް ޙަމަލާތައްދޭން ފެށުމުން ކަމަށް ބީބީސީ ބުނެ އެވެ. މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވުމުން ފުލުހުން ވަނީ މުޒާހަރާ ކުރިމީހުންގެ ތެރެއިން ބައެއްމީހުން ހައްޔަރުކުރުމަށް ފަހު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފަ އެވެ. ބާރުގެ ބޭނުން ކުރަންޖެހުނީ އެ މުޒާހަރާއަކީ ސުލްޙަވެރި މުޒާހަރާ އަކަށް ނުވުމުގެ އިތުރުން މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނަށް ޙަމަލާތައް ދޭން ފެށުމުން ކަމަށާއި މިޙަމަލާތަކުގައި ފުލުހުންގެ ހަތަރު އޮފިސަރަކު ޒަޚަމްވި ކަމަށާއި މުޒާހަރާކުރި މީހުންގެ ތެރެއިން 17 މީހުން ހައްޔަރުކުރި ކަމަށް ލަންޑަންގެ ފުލުހުން ނެރުނު ބަޔާނެއް ބުނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ކޮންޒަވެޓިވް ޕާޓީ ވަނީ ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. މިއާއެކު ފަސް އަހަރުގެ އިތުރު ދައުރަކަށް ބޮޑުވަޒީރު ކަމުގައި ދެމިހުންނެވުމުގެ ފުރްސަތު ކެމެރޮން އަށް ވަނީ ލިބިވަޑައިގެންފަ އެވެ. ހައިރާންކުރަނިވި މިނަތީޖާއާ ގުޅިގެން އިނގިރޭސިވިލާތުގެ އިދިކޮޅު ބޮޑެތި ޕާޓީތަކުގެ ލީޑަރުންވަނީ އަމިއްލައަށް ބަލި ގަބޫލުކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވާފަ އެވެ. (ބީބީސީ)