މޮސްކޯ (މޭ 10): ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީއަށް 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރަޝިޔާގައި ކުރިޔަށްދާ ވީޑޭ ގެ އިޙްތިފާލްތަކުގައި ބޭއްވި ބިޔަ އަސްކަރީ ޕެރޭޑްގައި އެމެރިކާއާއި ޔޫރަޕްގައި މިހާތަނަށް ނެތްފެންވަރުގެ މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކެއް ރަޝިޔާއިން އަލަށް ދައްކާލައިފި އެވެ.

ނަސްރުގެ ދުވަހުގެ ނަމުގައި މޮސްކޯގެ ރެޑް ސްކެއަރގައި ބޭއްވި ބިޔަ ޕެރޭޑްގައި ރަޝިޔާއިން ދައްކާލީ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރަށްފަހު ރަޝިޔާގެ އަމިއްލަ ސައެންޓިފިކް ރީސާޗްތަކުގައި އުފައްދާފައިވާ ވަރަށް މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކެވެ. މީގެތެރޭގައި ރަޝިޔާއިން އަލަށް އުފެއްދި ޒަމާނީ ޓެކްނޮލޮޖީގެ ޓޭންކްތަކާއި އާރު އެސް ސައުވީސް މަރުކާގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އާއި އެނޫންވެސް ހަތިޔާރު ހިމެނެއެވެ.

އާރު އެސް ސައުވީސް މަރުކާގެ ބެލަސްޓިކް މިސައިލަކީ ނިއުކްލިއަ ތިން ބޮން ހަރުކުރެވޭ އަދި 10 ހާސް ކިލޯމީޓަރުގެ ދުރު ރާސްތާގެ ސްޓްރެޓީޖިކް މިސައިލެކެވެ.

ރަޝިޔާއިން އަލަށް ދައްކާލި ހަތިޔާރުތަކަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން މިހާތަނަށް އުފައްދާފައިވާ ވަރަށްވުރެ މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކެއްކަމަށް ހުޅަނގުގެ އަސްކަރީ ރިޕޯޓްތައްވެސް ބުނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެމެރިކާއާއި އިނގިރޭސިވިލާތުގެ ލީޑަރުން މި އިޙްތިފާލްތަކުގައި ބައިވެރިވެ ވަޑައިގެންފައެއްނުވެއެވެ. އެބޭފުޅުން މިއިޙްތިފާލްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ދެކޮޅު ހެއްދެވީ، ޔުކްރޭންގެ މައްސަލައިގައި ރަޝިޔާ ގެންގުޅޭ ސިޔާސަތުތަކަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ. 10 މިލިޔަނަށްވުރެ ގިނަމީހުން މަރުވެގެންދިޔަ އަދި ޔޫރަޕްގެ ގިނަ ގައުމުތައް ސުންނާފަތިވެ ވީރާނާވެގެންދިޔަ ދެވަނަ ބޮޑުހަނގުރާމައިގެ ހުޅުގަނޑު ރޯކޮށްލި ޖަރުމަނުގެ ނާޒީ ޒައީމް އެޑޮލްފް ހިޓްލަރުގެ ބާރުތަކުގެ މައްޗަށް 1945 ވަނަ އަހަރު ކާމިޔާބު ހޯދީ ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ މައްޗަށް އެކުލެވޭ ވަރުގަދަ އެލަޔަންސަކުންނެވެ.

ހިޓްލަރުގެ ފަހަތުގައިއޮތީ އިޓަލީގެ ޚުދުމުޚްތާރު ވެރިޔާ މޮސިލީނީ އާއި އޭރު ދުނިޔޭގައި އަނިޔާވެރިކަމަށް ނަންމަޝްހޫރު ޖަޕާނެވެ. ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދުމަށް ރަޝިޔާ ސިފައިން ކުރި ހަނގުރާމައިގައި ދޮޅު މިލިޔަނެއްހާ ރަޝިޔާ ސިފައިން މަރުވެގެން ދިޔައެވެ.

މި ޕެރޭޑްގައި ޕޫޓިން ދެއްވި ޚިތާބުގައި ދެވަނަ ބޮޑުހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދުމަށް ރަޝިޔާ ހިމެނޭ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިން އެމީހުންގެ ފުރާނައިން ވެފައިވާ ގުރްބާނީތައް ހަނދާން ކުރައްވައި އެމީހުންނަށް ތައުރީފު ކުރެއްވިއެވެ.

ރަޝިޔާގައި ބޭއްވި އިޙްތިފާލްތަކުގައި ދުނިޔޭގެ 20 ގައުމެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޗައިނާގެ ރައީސް ޝީޖިންޕިން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވައެވެ.
(ނޫސްއެޖެންސީތައް)