އޭޝިއަން ވޮލީ ބޯލް ޗެމްޕިއަންޝިޕް 23 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމަށް މިރޭ މިޔަންމާއަށް ފުރި ރާއްޖޭގެ ޓީމްގެ އަމާޒަކީ ގަދަ އަށަކުން ޖާގައެއް ހޯދުންކަމަށް ރާއްޖޭގެ ޓީމްގެ ކޯޗް އަޙްމަދު އަދީލް ބުނެފިއެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން އަދީލް ބުނީ ޓީމުގައި ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ހިމެނޭކަމަށާއި ދެމަސްދުވަހުގެ ފަރިތަކުރުންތަކަށް ފަހު ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށެވެ.

"މިމުބާރާތުން ރާއްޖެއަށް ރަނގަޅު ހިސާބަކަށް ދެވިއްޖެނަމަ އެވެގެންދާނީ އެހެން ގައުމުތަކުން ބަލައިގަންނާނެ ނަތީޖާއަކަށް،" އަދީލް ބުންޏެވެ.

އަދީލް ބުނީ މިމުބާރާތުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެދިޔަ ދެމަސް ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑުގެ ކޯޗެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ވޮލީ ޓީމް ކޯޗް އަޙްމަދު ޢަދީލް --- ސަން ފޮޓޯ/ ޢަލީ ނަސީރު

މިމަހު 12 އިން 20 ވަނަދުވަހުގެ ނިޔަލަށް މިޔަންމާގެ ނޭޕިއަޑާ ގައި ބާއްވާ މުބާރާތުގައި ރާއްޖެ ލައްވާލީ ޕޫލް (ގުރޫޕް) އޭ ގައެވެ.

މިގުރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު މިޔަންމާއާއި ތައިލެންޑް އަދި ސައުދީ ޢަރަބިއާއެވެ.

މިމުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރަނީ މިމަހު 12 ވަނަ ދުވަހު މިޔަންމާއާ ދެކޮޅަށެވެ.

ދެ ވަނަ މެޗުގައި ތައިލެންޑާ ދެކޮޅަށް ނިކުންނާނީ މިމަހު 14 ވަނަ ދުވަހުއެވެ.

ޕޫލްގެ އެންމެ ފަހު މެޗްގައި ސައުދީއާ ދެކޮޅަށް ނިކުންނާނީ 16 ވަނަ ދުވަހުއެވެ.

މިއަދު ހެނދުނު ލެމަންގުރާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ތީމްގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ.