26 Feb 2011, 15:21
ހަވީރުގެ ދެ ނޫސްވެރިޔަކު ލިޔެފައިވާ ލިޔުމަކާ ގުޅިގެން އެ ދެ ނޫސްވެރިންގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމާއި ގެންގުޅުމުގެ ޖިނާއީ ކުށުގެ ތުހުމަތުކޮށް، އެކަން ތަހުގީގުކުރުމަށް ދިވެހި ފުލުހުން ކުރި މަސައްކަތަކީ ނޫސްވެރިން ޒިންމާދާރު ގޮތުގައި އަދާކުރަމުންގެންދާ ޤާނޫނީ އަދި ދުސްތޫރީ މަސްއޫލިއްޔަތަށް އަރައިގަތުން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
މީޑިއާ ކައުންސިލުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، ހަވީރުގެ ދެ ނޫސްވެރިޔަކު ފެބްރުއަރީ 22، 2011 ގައި ދުވަހު ނޫސް ހަވީރުގައި "ދައުލަތުގެ އިސްވެރިންތަކެއް ބަރަހަނާކޮށްލައިފި" މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރުގައި ހިމަނާފައިވާ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ ފަދަ ހާލަތެއް އެ ދެ ނޫސްވެރިންގެ މައްޗަށް ފުލުހުން މެދުވެރިކޮށްފައިވާ ކަމަށެވެ.
"..މައުލޫމާތު ނަގައިފައިވާ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ ފަދަ ހާލަތެއް އެ ދެ ނޫސްވެރިންގެ މައްޗަށް ދިވެހި ފުލުހުން މެދުވެރި ކުރުވުމަކީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ނޫސްވެރިންކަމުގެ މިނިވަންކަމާއި މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމަށް ސީދާކޮށް ހުރަސްއެޅޭ ކަމެއް ކަމަށް މިކައުންސިން ގަބޫލުކުރަމެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
އަދި އެ ދެ ނޫސްވެރިންގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ތުހުމަތުކޮށް، ތަހުގީގު ފެށުމަކީ އެ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔަނުގައިވެ އެވެ.
"ފުލުހުންގެ މިފަދަ އަމަލުތަކުން މި ކައުންސިލަށް ދޭހަވަނީ، ނޫސްވެރިން ޒިންމާދާރު ގޮތުގައި އަދާކުރަމުން ގެންދާ ޤާނޫނީ އަދި ދުސްތޫރީ މަސްއޫލިއްޔަތަށް އަރައިގަތުން ކަމަށެވެ،" އެ ނޫސްބަޔަނުގައިވެ އެވެ. "ވުމާއެކު، ޤާނޫނޫ އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތައް ކަނޑައަޅައި ދިނުމަށާއި އެ މާއްދާ މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް ހުށަހެޅުމަށް، މި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި މިރޭ ވަނީ ފާސްކޮށްފަ އެވެ." މީޑިއާ ކައުންސިލުން ރޭ ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
އަދި ހަވީރުގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ތުހުމަތު ވަގުތުން ހުއްޓާލައި، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް މީޑިއާ ކައުންސިލުން ފުލުހުންނަށް ގޮވައިލައިފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ވަނީ، ހަވީރުގެ ދެ ނޫސްވެރިޔަކު ފުލުސް އޮފީހަށް ހާޒިރު ކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެކަމަކީ "މިނިވަން ނޫސްވެރިކަން ނައްތާލުމަށާއި ތަހުޤީޤީ ނޫސްވެރިކަން ނެތިކޮށްލުމުގެ ޢަމަލެއްކަމުގައި" ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ފުލުހުންނާއި ޝަރުއީ ދާއިރާތަކުން ކުރާ އެބާވަތުގެ ކަންކަމުގެ ސަބަބުން "ތަހުޤީޤީ ނޫސްވެރިކަން ކުރާ ފަރާތްތަކަށް ސިހުން ލިބި ބިރުވެރިކަން އުފެދި، އެފަދަ ނޫސްވެރިކަމެއް ކުރުމަށް ފަސްޖެހިގެންދާނެ" ކަމަށާއި އެކަމުގެ ސަބަބުން "ފޫނުބެދޭނެ ފަދަ ނުރައްކާ މައްސަލަތަކެއް ނޫސްވެރިންނަށާއި، މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ކުރިމަތިވާނެ" ކަމަށް އެ އެމްޖޭއޭން ބުނެފައިވެ އެވެ.
"ހަމަ އެހެންމެ ނޫސްވެރިކަމުގެ މުސްތަޤުބަލް އަނދިރިވެގެން ހިނގައިދާނޭ ބިރުވެރިކަމެއް ކަމުގައި ވެސް ދެކޭތީ، ފުލުހުންގެ އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ. ހަމަ އެއާ އެކު، ހަވީރުގެ އެދެ ނޫސްވެރިން މަސައްކަތް ކުރާ ތަންތަނާއި، ގުޅުން ހުރި ތަންތަނުގެ އިތުރުން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރުމަށް ނެރެދީފައިވާ އަމުރު ބާޠިލު ކޮށްދެއްވުމަށް ކްރިމިނަލް ކޯޓަށް އިލްތިމާސް ކުރަމެވެ." އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އެފަދަ މައްސަލަތައް 'ފަޅާއަރުވާލާ' ނޫސްވެރިންގެ ފަހަތުން ދިޔުމުގެ ބަދަލުގައި އެފަދަ ކަންކަމުގައި ޝާމިލުވާ ބޭފުޅުން އިސްތިއުފާ ދީ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް އެޖަމިއްޔާ އިން ވަނީ ގޮވައިލައިފަ އެވެ.
ފުލުސް އޮފީހަށް އިއްޔެ ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ހަވީރުގެ ލޯކަލް ނިއުސް ޑިޕާޓްމަންޓުގެ އެޑިޓާ އިސްމާއިލް ނަސީރާއި އެސިސްޓެންޓް އެޑިޓާ އަހްމަދު ހަމްދޫންއާ އެވެ.
ދައުލަތުގެ އިސްވެރިންގެ ބަރަހަނާ މަންޒަރުތަކެއް ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލްކުރުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލައިގައި ގުޅިގެން އެ ދެ ނޫސްވެރިން ލިޔެފައިވާ ތަހުގީގީ ޚަބަރުގައި ބުނަނީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްގައި ރައީސް މުހައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅަކު ހިމެނޭ ކަމަށް ހަވީރަށް އެނގިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިތުރުން ޖުޑިޝަރީގެ ބައެއް މީހުން ވެސް އެ މައްސަލައިގެ ތެރޭގައި "ބަރަހަނާ" ވެފައިވާ ކަމަށް އެ ޚަބަރުގައި ބުނެފައިވެ އެވެ.
ހަވީރުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އެ ޚަބަރު ތައްޔާރުކޮށްފައި ވަނީ ވަރަށް ގިނަ ފަރާތްތަކުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށާއި އެފަރާތްތަކުން އެމީހުންގެ ނަން ސިއްރު ކުރުމަށް ޝަރުތުކޮށްފައިވާ ކަމަށެވެ. އަދި އެ މަސްދަރުތައް ހާމަކުރުމަކީ ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކާ އަދި ޤާނޫނު އަސާސީއާ ވެސް ޚިލާފުކަމެއް ކަމަށް ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައި ވަނީ، "މަސްދަރު ހިމާޔަތްކުރުމުގެ ޒިންމާ ދޫކޮށްލައިފި ނަމަ ނޫސްވެރިކަމުގެ މިނިވަންކަން މަރުވީ" ކަމަށް އެ ނޫހުން ގަބޫލުކުރާ ކަމަށެވެ.