10 May 2015, 10:42
އެކަންތައްތައް ހިނގަނީ އެންމެންގެ ކުރިމަތީގައެވެ. އެއީ ގޯސްކަމެއްކަން އެންމެނަށްވެސް އެނގެއެވެ. އެކަމަކު ހުއްޓުވާނެ މީހަކުނެތެވެ. ދައްކަން މިއުޅެނީ އިޖްތިމާއީ ޒިންމާގެ ވާހަކަ އެވެ. ފެނުނު މަންޒަރާއިގެން ކުރިއަށް ދާނަމެވެ. މިފަހަރު އަހަރެންގެ މަންޒިލަކަށްވީ ހުޅުމާލެ އެވެ. ޓިކެޓެއް ނަގައިގެންގޮސް ޓާމިނަލްގެ ގޮނޑިއެއްގައި އިށީނދެލީމެވެ. ކުރީ ސަފެއްގައެވެ. މާގިނައިރެއްނުވެ އެވެ. އެތައް ބަޔަކު އައިސް ގޮނޑިތަކުގައި އިށީނދެއްޖެ އެވެ. ކުރީ ސަފު ގާތްގަނޑަކަށް ފުރުނީ އެވެ. އެއާއެކު ފެނުނީ އަޖައިބު ކުރުނަވި ކަމެކެވެ. މާބަނޑު މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިތަކުގައި އިށީނދެތިބީ ހަށިގަނޑުގައި އާރާއި ބާރު ހުރި ގަދަފަދަ މީހުންނެވެ. އެއްކަހަލަ "އެހީއަށް ބޭނުންވެފައިތިބި މީހުންނަށް" ފުރުސަތެއް ދިނުމެއް ނެތެވެ.
ފެރީއަށް މީހުން އަރުވާ ގަޑި ކައިރިވެއްޖެ އެވެ. ދެން ފެނުނީ މާހެއްވާ ކަމެކެވެ. އެތައް ބަޔަކު މާކުރިން އައިސް ކުރީ ސަފުތަކުގެ ގޮނޑިތަކުގައި އިށީނދެ ތިއްބައި ފަހުން އައި މީހުން އައިސް އެތިބަގެން ދޮރު ކައިރިއަށް ތޮއްޖެހެނީ އެވެ. ފަހުން އައިމީހުން ހުއްޓުނީ ދޮރު ބުޑުގައެވެ. އަވަހަށް ފެރީއަށް އެރުމަށް ކުރިން ކިޔުއަށް އެރި މީހުންނަށް ބެލުމެއްނެތެވެ. ޓާމިނަލްގެ ސައުންޑް ސިސްޓަމުން ގޮނޑިތަކުގައި އިށީނުމަށް ގޮވި ނަމަވެސް އެކަމާ އަޅާލާ މީހަކު ނެތެވެ. އެންމެ ފަހުން ދޮރު ހުޅުވުމާއެކު ކުރިން ނުކުމެގެން ދިޔައީ ވެސް އެ މީހުންނެވެ. ނިކަމެއްޗެއް ބަލި މީހަކަށް ބެލުމެއް ނެތެވެ. ގަދަ މީހާ ގަދައޭ ބުނެވޭ ގޮތަށެވެ. ހަމައެއްލަމައެއް ނެތި އެއޮއްދިޔައީ އެވެ.

ދެން އޮތީ ކިޔޫގެ ފަހަތުގައި ތިބި މީހުންގެ ވާހަކަ އެވެ. ގިނަ މީހުން ބެލީ ކޮއްޕަމުން ހޭކެމުން ކުރިއަށް އެރުމަށެވެ. އެތައް ކުޑަކުދިންނަކާއި އެތައް އަންހެނުނެއް ކިޔޫގައި ތިބިއިރުވެސް ބަލާލުމެއްނެތި އެވެ. ޖެހިލުމެއް ނެތި އެމީހުންގެ ގައިގަވެސް ހޭކި ނަގަނީ އެވެ. ހަމަ ޖަންގަލީގެ އުސޫލެވެ. އެކަން ކުރުމުގައި އެތައް ބިދޭސީންނެއް ހިމެނެއެވެ. މިހެން ބުންޏަސް އެކަމުގައި ދިވެހިންވެސް މަދެއް ނޫނެވެ.
"އޮފީހަށް ދާން، ނޫނީ ކިތަންމެ ރީޗަށް ރީތިވެގެން އަންނައިރަށް ވެސް މީހަކު އައިސް ހޭކިގެން ފާނެ. އެއްވެސް ގޮތެއް ފޮތެއް ނުހުރޭ،" ހުޅުމާލޭގައި ދިރިއުޅޭ ނަމަވެސް ވަޒީފާއަށް މާލެ އަންނަ އައިޝަތު ޝިފްނާ ބުންޏެވެ.
ކޮންމެއަކަސް އެސަކަރާތްގަނޑަށްފަހު ފެރީއަށް އަރައިފީމެވެ. އެ ފެރީގެ ކުރީ ސީޓްގައި މާބަނޑު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ގޮނޑިތަކެއް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް އެތަނުގައިވެސް އިށީނދެ ތިބީ އެންމެ ފުރަތަމަ ފެރީއަށް އެރި ގުރޫޕެވެ. އެ ސީޓް ހައްގުވާ ފަރާތްތަކަށް ދާން ޖެހުނީ ފަހަތު ސީޓަށެވެ. ގަދަވީ ބާރުގަދަ ގޮތްކުޑަމީހާ އެވެ. ނިކަމެތި މީހާޖެހުނީ ގޮތްދޫކުރާށެވެ. ނަމަވެސް އެ ސީޓްތަކާ ދިމާ ސީދަލަށް، އެއީ ކޮންބަޔަކަށް ހާއްސަ ސީޓްތަކެއްކަން ލިޔެފައި ހުއްޓެވެ.
ފެރީ މާލޭ ފަޅުން ނުކުމެ ހުޅުމާލެއަށް މިސްރާބު ޖަހައިފި އެވެ. ކަމަކު ދާކަށް ނެތެވެ. މިއިނދެވުނީ ކުޑަބަނޑޮހަށް ދަތުރުދާ ދޯންޏެއްގައޭ ހީވާ ކަހަލައެވެ. ލަވަކިޔާމީހުން ލަވަ ކިޔަނީއެވެ. އަތްޖަހާ މީހުން އަތް ޖަހަނީ އެވެ. ހަޅޭއްފަޅޭއް ލަވާ ބާރަށް ލަވަ ޖަހާ ހަދާއިރު މިތިބީ ގޭ ސިޓިންރޫމްގައޭ ހީވާކަހަލަ އެވެ. ދެން ވެސް އެފަދަ ކަމެކެވެ. ގައިގޯޅިވާ މީހުން ގައިގޯޅިވަނީ އެވެ. ލޯބީގެ ދަރުބާރެކޭ އެމީހުންނަށް ހީވާ ކަހަލައެވެ. މިފަހަރު ވެސް ލަދުގަނެ އިސްޖަހަން ޖެހުނީ ކުށެއް ނެތް ނިކަމެތި މީހާ އެވެ. އެކުގައި ތިބި މައިދަރިން ތިބީ ލަދުން ރަކިވެފައެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގައި އާންމު ތަންތާގައި ގައިގޯޅި ވުމާއި މީހުންނަށް އުނދަގޫވާހެން އަޑުގަދަ ކުރުމާއި ހުތުރު ބަހުން ވާހަކަ ދެއްކުމުގެ އިތުރުން މީހުންނާ "ފޮށުމަކީ" އަދަބު ލިބޭ ކުށްތަކެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންގެ މުޖުތަމައުގައި އެފަދަ ކުށްތައް އިންތިހާއަށް އިތުރުކަމެވެ. ނެތީ ހުއްޓުވާނެ ފަރާތްތަކެވެ.
އެ ގަޑުބަޑާއެކު ފެރީގޮސް ހުޅުމާލެ ފަޅަށް ވަދެއްޖެ އެވެ. ހަމަ ޖެޓީ ފެނިލިކަމެއް ނޭނގެއެވެ. މުޅި ފެރީތެރެއަށް ލޮޅުން އަތުވެއްޖެ އެވެ. އެކި ސީޓްތަކުން މީހުން ތެދުވެ ހިގަން އޮންނަ މަގުގައި ކިޔޫހަދައިފި އެވެ. އަވަހަށް ފެރީއިން ފޭބުމަށެވެ. އޭރު އަދި ޓާމިނަލާ ހަމައަށް ފޯރަން ފަސް ވަރަކަށް މިނެޓް އޮތެވެ. ގަދަމީހާ ގަދައޭ ބުނެވޭ ގޮތަށް މިފަހަރުވެސް މޮޅުވީ ގޮތެއްފޮތެއްނެތި އަމަލު ކުރި ފަރާތްތަކެވެ. ފެރީ ވަށައިގެން ކަހަލަ ގޮތަކަށް ލިޔެފައި ހުރި ލިޔުންތަކަކީ އެ މީހުންނަށް މާ ބޮޑު ކަމަކަށް ނުވި އެވެ.

އެގޮތަށް ކޮޅަށް ތިއްބައި ފެރީގެ ގިޔަރު ފެއިލްވެގެން އައިސް ތޮށިގަނޑުގައި ކުއްލިއަކަށް ޖެހިއްޖެ ނަމަ އެއީ ބޮޑު އަނިޔާއެއް މެދުވެރިވުން ވަރަށް ގާތް ކަމެކެވެ. އެކި އުމުރުފުރައިގެ މީހުން އެގޮތަށް ތޮއްޖެހި ތިބޭއިރު އެފަދަ ހާދިސާއެއް ހިނގައިފި ނަމަ އެއީ ހިތާމަވެރި ހާދިސާއެއް ދިމާވުން ދުރުކަމެއް ނޫނެވެ.
ދެން އަހަރެން މިސްރާބު ޖެހީ ބަހުގެ ހިދުމަތް ހޯދުމަށެވެ. ބަހަށް އެރުމަށް އެތައް ބަޔަކު ކިޔޫގައި ތިބިއިރުވެސް ދެރަ ނިކަމެއްޗަކަށް ބެލުމެއްނެތި ކޮންމެ މީހަކުވެސް ބަލަނީ އެމީހަކު އަވަހަށް ބަހަށް އެރުމަށެވެ. ބަހުގެ ސީޓުތައް ފުރި، ކޮޅަށް ހުނަންޖެހިއްޖެނަމަ އަންހެނަކު ކޮޅަށް ހުންނައިރު ފިރިހެނަކު ތެދުވެ އެއަންހެން މީހާއަށް ނުވަތަ ދުވަސްވީ މީހަކަށް ސީޓް ދިނުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ.
ފެރީގެ ހިދުމަތް ދޭ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، ފެރީގެ ދަތުރުގެ ތެރެއިން "އިޖްތިމާއީ މައްސަލަތައް ދިމާވާކަން ފާހަގަކުރެވޭ" ކަމަށާއި ސައުންޑް ސިސްޓަމްތައް މެދުވެރިކޮށާއި ލިޔެކިޔުމުން އެންގި ނަމަވެސް އެކަމަށް އިޖާބަ ދެނީ މަދު ބައެއް ކަމަށެވެ. އެފަދަ ކަންކަން ދިމާވުމުން ސްޓާފުން މެދުވެރިކޮށް ފަސިންޖަރުންނަށް އެފަދަ ކަންކަން އިސްހާލުކުރުމަށް އަންގަމުން އަންނަ ކަމަށެވެ.
"ސްޓާފުން ގޮސް ބުނުމުން ބައެއް ބޭފުޅުން ވަރަށް އިހުތިރާމާއެކު ތެދުވެވަޑައިގެން އެހެން ބޭފުޅުންނަށް ފުރުސަތު ދޭ ގޮނޑިތަކުގައި އިށީނަން. އެކަމަކު އަނެއް ބައި ބޭފުޅުން ހަމަ ވަރަށް ވަޔަލެންޓްކޮށް ނުތެދުވާނެ ކަމަށް ވެސް ބުނާނެ. ހަމަ ނުވެސް ތެދުވާނެ. އެކަހަލަ ކަންކަން ދިމާވޭ،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ އެތައް މައްސަލައެއް ފެންމަތިވާއިރު އެކަން ހައްލު ކުރެވެން އޮތީ އާންމު ރައްޔިތުން އިޖްތިމާއީ ކަންތައްތަކަށް ހޭލުންތެރި ކުރެވިގެންނެވެ. އެކަން ކުރުމަށް ފެކަލްޓީ އޮފް އެޑިއުކޭޝަނާ ގުޅިގެން ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރާ ދަރިވަރުން މެދުވެރިކޮށް އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިދުމަތް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަނީ. އެކަމަކު މިކަހަލަ ކަންކަމަކީ އާންމު އިޖްތިމާއީ ކަންތައްތައް އަޅުގަނޑުމެން އެންމެން ގަބޫލް ކޮށްގެން ކުރިއަށް ނެރެގެން އެހެން މީހުންނަށް ވެސް ފުރުސަތު ދީގެން، އެ އުސޫލްތައް އަށަގަންނުވައިގެން ހައްލުކުރެވޭނީ،" ހަލީމް ވިދާޅުވި އެވެ.
އިސްވެ މިފާހަގަ ކުރި ކަންތައްތަކުން ދިވެހިންގެ އިޖްތިމާއީ އަހުލާގު ހުރި މިންވަރު ކޮންމެ ވެސް ވަރަކަށް ސިފަކޮށްލެވޭނެ އެވެ. ކަންކަން މިހިރީ ފުންވިސްނުމަކުން ވިސްނައިފި މީހަކު ހިތް ހަލާކުވާފަދަ ގޮތަކަށެވެ. ރިވެތި އަހުލާގުތަކުގެ ޒަށްރެއްގެ މިންވަރު ވެސް ނެތީ ކަހަލައެވެ. އެހީއަށް ބޭނުންވާ މީހުނަށާއި އަންހެންނުނާއި ދުވަސްވީ މީހުންނަށް އެހީތެރިވުމަކީ މިއަދު ތަދު ކަމެކެވެ. ބަތްތަވާފޫކަހާ އަޑަށް ބަތް ހިފައިގެން ދިޔަ ދިވެހިން މިއަދަކު ނެތް ކަހަލައެވެ. އެކުރަނީ ކުށްކަން އެންމެންނަށް ވެސް އެނގެއެވެ. ހުއްޓުވާނެ މީހަކު ނެތެވެ. އިޖްތިމާއީ ޒިންމާ ކޮބާތޯއެވެ؟