އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޖެއްސި ޕްރައިވެޓް ޖެޓެއް ރަންވޭމަތިން ކަހާލުމާ ގުޅިގެން، ފަސް ގަޑިއިރަށްފަހު ރަންވޭ ބަންދު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

ޕްރައިވެޓް ޖެޓް ރަންވޭމައްޗަށް ކަހާީި، އެ ބޯޓް އައިއެންއައިއޭއިން ފުރައިގެން ނައްޓާލުމަށްފަހު އެނބުރި ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:50 ހާއިރު އެވެ.

"ޖެޓްގެ ފުރޮޅަށް ގެއްލުންތަކެއްވެ، އެއް ފަރާތަށް އަރިވެފަ މި އޮތީ. ޖެޓްގެ އެއް ވިންގް ބިމުގައި ނުޖެހި މިއޮތީ ގާތްގަނޑަކަށް ދިހަ ސެންޓިމީޓަރު. އެހެންކަމުން މޫވް ކުުރުމަށް ވަރަށް އުނދަގޫ،" އެއާޕޯޓުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

ރަންވޭ މަތިން ޖެޓްނެގުމުގައި ލަސްވުމުން ގިނަ ފުލައިޓުތައް ވަނީ ޑިލޭ ވެފަ އެވެ. އަދި އޭގެ ސަބަބުން އެއާޕޯޓްގައި ޕަސެންޖަރުން ނުފުރި ވަނީ މަޑުކުރަން ޖެހިފަ އެވެ.

ރަންވޭ މަތިން ކަހާލި ޖެޓް، ވިނަގަނޑުމައްޗަށް ދިއުމާ ގުޅިގެން އެ ސަރަހައްދުން ޖެޓް ނެގުމަށް ކުރި މަސައްކަތުގައި އެ ބޯޓުގައި ހުރި ތެޔޮ ވަނީ ހުސްކޮށްފަ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެއާޕޯޓްގެ އޮފިޝަލެއް ވިދާޅުވީ މިއަދު ހަވީރު 4:50 ގައި ޖެޓް ރަންވޭމަތިން ކަހާލުމަށް ފަހު އެއްވެސް ފްލައިޓެއް ރަންވޭ އަށް ނުޖައްސާ ކަމަށެވެ. އެހެންނަމަވެސް އެއް ޑޮމެސްޓިކް ފުލައިޓް ފުރުވާލާފައިވާ ކަމަށް އޭނާ ވިދާުވިއެވެ.