ހއ. އިހަވަންދޫ 'އައްޑަނަ' ނަމަކަށް ކިޔާ ދޯނިން މިދިޔަ މަހު ހޮވި މާވަހަރު ގަތުމަށް ތިން ގައުމަކުން ހުށަހަޅައިފި އެވެ.

އައްޑަނަ ދޯނީގެ ކެޔޮޅު އަހުމަދު ވަހީދު 'ސަން' އަށް ބުނީ މާވަހަރު ގަންނަން ހުށަހެޅި ތިން ގައުމަކީ ދުބާއީ، ފުރާންސް އަދި ސައުދި އަރަބިޔާ ކަމަށެވެ.

"ޓެސްޓްކޮށްފައި އަދި ނުބުނޭ މާވަހަރެއް ކަމަށް އެކަމަކު ގަންނަން ހުށަހަޅާނީ މާވަހަރެއްކަން ޔަގީންވީމަ ކަމަށް މި ބަލަނީ،" އަހުމަދު ވަހީދު ބުންޏެވެ.

މާވަހަރު ގަންނަން އެ ގައުމުތަކުން ހުށަހެޅުމުން ގްރާމަކަށް 25 ޑޮލަރުގެ ރޭޓުން އަގު ކިޔާފައިވާ ކަމަށެވެ. އަދި މާވަހަރުގައި މިހާރު 59 ކިލޯ ހުރި ނަމަވެސް ވިއްކާލެވޭއިރު އޭގެ ބަރުދަން 50 ކިލޯއަށް ލުއިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަހީދު ބުންޏެވެ.

އައްޑަނަ ދޯނިން އެ މާވަހަރު ހޮވާފައި ވަނީ އިހަވަންދުއާ 53 މޭލު ބޭރުން، އޮޔާދިޔަ ކުނިތަކެއްގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ.