09 May 2015, 22:15
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ބޭރުގެ ގައުމުތަކުގައި 18 ބިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި އެ ފައިސާ ހޯދައި ލަންކާ އަށް ގެނައުމަށް ބޭރުގެ ހަތަރު ގައުމަކުން އެހީތެރިވެދީފައިވާ ކަމަށް ލަންކާގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާއާ ހަވާލާދީ ލަންކާގެ އެކޮނަމީ ނެކްސްޓުން މިއަދު ބުނީ، އެ ހަތަރު ގައުމުގެ ނަން މިނިސްޓަރު ވިދާޅު ނުވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ރާޖަޕަކްސާ އާއި އޭނާގެ އާއިލާ އިން ބޭރުގައި ރައްކާކޮށްފައިވާ ފައިސާ ހޯދުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބިފައިވާ ކަމަށެވެ."ދުބާއީ ބޭންކްގައި ރައްކާކޮށްފައި ހުރި ދެ ބިލިއަން ޑޮލަރު މިހާރު ވެސް ހޯދިއްޖެ. ދެން ހުރި ފައިސާ ހޯދުމަށް ތަހްގީގުކުރަމުން މިދަނީ،" ސަމަރަވީރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ބެލެެވިފައި ވަނީ ރާޖަޕްކްސާގެ އާއިލާ އިން ފަސް ބިލިއަން ޑޮލަރަށް ހިޔާނަތްވެފައިވާ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 18 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
ކުރީގެ ރައީސް ރާޖަޕަކްސާ މިދިޔަ މަހު، ނިއުސް އޭޖެންސީ، އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މނިކުފާނު ރައްޔިތުންގެ ބޮޑުލާރިއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށާއި އެ މަނިކުފާނުގެ އަގުވައްޓާލުމަށް ފާޑުފާޑުގެ ވާހަކަތައް ނުފަތުރައި ހެކި ހުށަހެޅުމަށް މައިތިރިތި ޕާލާ ސިރިސޭނާގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.
ރާޖަޕަކްސާ އެހެން ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އޭނާގެ ކޮއްކޮ، ބައިސަލް ރާޖަޕަކްސާ، ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށުގައި ހައްޔަރުކޮށްފަ އެވެ.
މަންގަލާ ވިދާޅުވީ ލީބިޔާ އާއި މިސުރާ އަދި ޓިއުނީސިޔާ ފަދަ ގައުމުތަކުގެ ކުރީގެ ވެރިން އެގައުމުތަކުގެ ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްވި ފައިސާ ހޯދުމަށް އެ ގައުމުތަކުން ކުރާ މަސައްކަތަށް ވުރެ ކުރީގައި ލަންކާގެ އާ ސަރުކާރު އުޅޭ ކަމަށެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ހޯދުންތަކުން އެނގޭ ގޮތުގައި ރާޖަޕަކްސާގެ އާއިލާ އިން ހިޔާނާތްވި ފައިސާގެ ޖުމްލަ، އެމްޕްލޯއީ ފަންޑްގެ ދެ ގުނަވާ ކަމަށާއި އަދި އެއީ ގައުމުގެ ޖީޑީޕީގެ ހަތަރުބައި ކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް ކަމަށެވެ.
"އެ ފައިސާ ގައުމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން." މަންގަލާ ވިދާޅުވި އެވެ. "ހަމައެކަނި މައްސަލަ އަކީ މި ކަމަށް ނަގާ ވަގުތު. އެއީ އެ ފައިސާ ރައްކާކޮށްފައި ހުރީ ފޭކް ކުންފުނިތަކުގެ ނަމުގަޔާއި އަދި ތަފާތު މީސްމީހުންގެ ނަންނަމުގައި."
އިންޑިއާ އިންނާއި އެމެރިކާ އިން ކުރިން ބުނެފައި ވަނީ ލަންކާ އިން ވަގަށް ނަގާފައިވާ މުދާ ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ލަންކާ އަށް ވަޑައިގަތް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވެސް ވިދާޅުވެފައި ވަނީ އެކަމުގައި ލަންކާ އަށް އެހީވެދެއްވާނެ ކަމަށެވެ.