އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށްގޮސް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމާއި ގުޅިގެން އެ ސައިކަލުގައި ތިބި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހުގެރޭ 7:24 އެހާކަންހާއިރު އައްޑޫ ސިޓީ ހިތަދޫ ސެވަން އިލަވަން ފިހާރަ ކައިރީ ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފެނިގެން އެ ސައިކަލް މަޑުކުރަން އެންގުމުން މަޑުނުކޮށްގޮސް ފުލުހެއްގެ ގައިގާ ޖެއްސުމާ ގުޅިގެންނެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް މީހާގެ ކަނާތު ކަށިމަތިން ފަޅައިގެންގޮސް ބޯފަޅައިގެން ދިޔުމުގެ އިތުރުން އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެވަގުތު ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާލިބިފައިވާއިރު، އެހާދިސާގައި އަނިޔާވި ފުލުސް މީހާއަށާއި ސައިކަލު ދުއްވި ދެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައިވާއިރު ފުލުސް މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނިގިފައިވާގޮތުގައި އެހާދިސާ ހިނގި ވަގުތު ސައިކަލް ދުއްވަން އިން 25 އަހަރުގެ މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށެވެ.

އެ ހާދިސާގައި ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން 25 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ހަތިޔާރު ގެންގުޅުމާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއި މެދު ބަދުއަހުލާގީއަމަލު ހިންގުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިކަލް ފަހަތުގައި އިން 21 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.