ކޮރަޕްޝަނުގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކު އަނެއްކާވެސް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ސުލްހަވެރި މުޒާހަރާތައްކުރި އާންމުންގެ އެތައް ސަތޭކަ ބަޔަކު މެރިމައްސަލާގައި ދައުލަތުން ކުރި ދައުވާ ސާބިތުވުމާ ގުޅިގެން އުމުރަށް ޖަލަށްލުމަށް މީގެ ކުރިންވެސް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އެހެންނަމަވެސް ޖުލުގައި ދުވަސްތަކެއްވަންދެން ބެހެއްޓުމަށްފަހު ބަލިހާލަތު ހުރިގޮތުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މިސްރުގައި ހިނގައި ދިޔަ ހަމަނުޖެހުނތަކާ ގުޅިގެން ހުސްނީ މުބާރަކުގެ މައްޗަށް ކުރި އެންމެ ފަހު ދައުވާ، ސާބިތުވެ މިއަދު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާއިރު، ހަމަ އެ ދައުވާ ސާބިތުވެ މުބާރަކްގެ ދެ ދަރިކަލުން ހަތަރު އަހަރަށް ޖަލަށް ލުމަށް މިސްރުގެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އުމުރުން މިހާރު 87 އަހަރު ވެފައިވާ މުބާރަކް މިއަދު ފުލުހުންގެ އެހީގައި ކޯޓު ރޫމަށް ވަން ވަގުތު މުބާރަކުގެ ސަޕޯޓަރުން ވަނީ އޭނާގެ ތަސްވީރު ޖެހި ޓީޝާޓުލައި އަތުން އިޝާރާތް ކޮށް އޭނާއަށް ސަޕޯޓު އޮތްކަން ދައްކާފަ އެވެ.


މުބާރަކުގެ ވެރިކަން ވެއްޓުނީ 2011 ވަނަ އަހަރުގެ ޖެނަވަރީ މަހު އޭނާގެ ވެރިކަމާދެކޮޅަށް މިސްރުގެ ރައްޔިތުން އުތުރިއަރަންފެށުމާގުޅިގެން އެއަހަރުގެ ފެބްރުއަރީމަހު ތެރޭގަ އެވެ.