އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ދީނީ އިލްމުވެރިންނާއި އެ ޕާޓީގައި މިހާރު އުޅުއްވާ ބައެއް އިލްމުވެރިން "އެއްގަލަކަށް" އަރައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި އެވެ.

ހިޔާލުތަފާތުވުންތަކުގައި އަދާލަތުން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ފުރަތަމަ ރައީސް ޝެއިހް ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސްލާމިކްމިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގެން، އެ ޕާޓީގެ އިލްމުވެރިންނާއެކު ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިނާއެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝެއިހް ހުސައިން ރަޝީދު ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނަށާއި ރައްޔިތުންނަށް އަނިޔާ ކުރުމުގައި ބައިވެރިވާ ފަރާތްތަކުން އެކަންތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ސަރުކާރުގެ އަމަލުތައް ރަނގަޅު ކުރަން ޖެހެނީ ވެރިކަމަކީ ރައްޔިތުންގެ އެއްޗަކަށް ވާތީ ކަމަށް ހުސައިން ރަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރުގެ އިސްވެރިންނަށާއި އަނިޔާވެރިކަމާ ގުޅިފައިވާ ބޭބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކޮށް ދަންނަވާލަންއެ ކަންތައް ހުއްޓާލައްވާށޭ. ސަރުކާރުގެ އަމަލުތައް ރަނގަޅު ކުރައްވާށޭ. އެފަދަ ކަންތައް ރަނގަޅު ކުރަން ޖެހޭ ސަބަބަކީ ވެރިކަމަކީ ރައްޔިތުން ދޭ އެއްޗެއް ކަމަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން އަނިޔާތައް ކުރަމުންދާއިރު އެކަންތައް ހުއްޓުވުމަށް ކޮންމެ ރައްޔިތަކު މަސައްކަތް ކުރަން ޖެހޭނެ ކަަމަށެވެ. އަދި އެ އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ ދީނީ އިލްމުވެރިން ބައިވެރިވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ވިދާޅުވެ، ނުކުމެވަޑައިގެންނެވި ބޭފުޅުންނަކީ ޝެއިހް ހުސައިން ރަޝީދާއި ޝެއިހް އިލްޔާސް ހުސައިން އާއި ޝެއިހް މުހައްމަދު ދީދީ އާއި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޝުއައިބު އަބްދުއްރަހްމާން އަދި ޑރ. މުހައްމަދު އިޔާޒެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ވިދާޅުވީ މީޑިއާގެ ކުރިމައްޗަށް ހުރިހާ ދީނި އިލްމުވެރިން ނުކުމެވަޑައި ނުގެންނެވިޔަސް އިލްމުވެރިން ތިބީ "ސަރުކާރުގެ އަނިޔާވެރިކަމާ" ދެކޮޅަށް ކަމަށެވެ.