ހދ. ކުޅުދުއްފުށީ ބޭރުން އާދަޔާ ހިލާފަށް ބޮޑު ނަގޫރޯޅިއެއް އިއްޔެ ފެނިއްޖެ އެވެ.
އިއްޔެ ހަވީރު 4:00 ޖަހާ އެހާކަންހާއިރު އެ ނަގޫރޯޅި އަރާފައި ހުއްޓާ ފެނުނު ކުޅުދުއްފުށީ ހަސަން އަލީ ކިޔާ މީހަކު މިއަދު ބުނީ އެ ނަގޫރޯޅި ހުރީ އެރަށުގެ ހުޅަނގު ފަރާތާއި ދިމާލުން ރަށާއި ތަންކޮޅެއް ދުރުގައި ކަމަށާއި އެއީ ވަރަށް ބިޔަ އަދި ދިގު ނަގޫރޯޅިއެއް ކަމަށެވެ.
"ކުރިންވެސް ނަގޫ ރޯޅި ފެނިފަ ހުރީ. އެކަމަކު މީތި މާބޮޑު އަދި އުސް. އޭގެ ދިގުމިން އެހެން ބުނާކަށް ނޭނގެ،"ހަސަން ބުންޏެވެ.
ރަށުގެ ގިނަ ބަޔަކު ނަގޫ ރޯޅި ބެލުމަށް ޖަމާވިކަމަށް ބުނަމުން ހަސަން ބުނީ ވިލާތަކުން ފެށިގެން އުރަފަށުގެ ތިރިއަށް ފައިބައި ބައިގަޑި އެއްހާއިރު ހުރުމަށްފަހު އެ ނަގޫރޯޅި ފައިބައިގެން ދިޔައީ މޫދުތެރެއިން ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ.
"އެންމެން ބަލަން ތިއްބާ ނަގޫރޯޅި ގެއްލުނީ ރަށުގެ މޫދުތެރެއިން އިރުމަތީ ފަރާތަށް. ނަސީބަކުން ނަގޫރޯޅި ރަށާ ކައިރިއެއް ނުވޭ،" ހަސަން ބުންޏެވެ.
އޭނާ ބުނީ މީގެ ކުރިންވެސް ހުޅަގު މޫސުމާއި ދިމާކޮށް އެރަށާ ކައިރިން ނަގޫރޯޅި ފެންނަ ކަމަށާއި އެކަމަކު މިދުވަސްވަރަކީ އާންމުކޮށް ނަގޫރޯޅި ފެންނަ ދުވަސްވަރެއްވެސް ނޫންކަމަށެވެ.
"މިހާރު ވިއްސާރައެއްވެސް ނޫން. އާންމުކޮށް ހުޅަނގު މޫސުމާ ދިމާކޮށް ފެނޭ،"ހަސަން ބުންޏެވެ.
ކުޅުދުއްފުށީ އޮފީހުންވެސް ބުނީ އެރަށުގެ ބައެއް މީހުން ނަގޫރޯޅި ފެނުމުން ކޮންމެވެސް ވަރަކަށް ބިރުން އުޅުނު ކަމަށެވެ.
މެޓް އޮފީހުން މިއަދު ބުނީ ދެ މޫސުން ބެދޭ ދުވަސްވަރު ނަގޫރޯޅި ފެނުމަކީ އާންމު ކަމެއް ކަމަށާއި ކުޅުދުއްފުށީ ބޭރުން ނަގޫރޯޅިއެއް ފެނުން ކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.