މޭ މަހުގެ އެއްވަނަ ދުވަހު މާލެގައި ތިބި ކައުންސިލަރުންގެ މައުލޫމާތު ހޯދަން، ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) އަށް ނުއެންގޭނެ ކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް އައްސަދާއި އިތުރު ފަސް ކައުންސިލަރަކު ސޮއި ކުރައްވައި ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކައުންސިލަރުންނަކީ ރައްޔިތުންގެ އަޑުއުފުލަން ތިބި ރައްޔިތުންގެ މަންދޫބުން ކަމަށެވެ. އެހެންކަމުން "ރައްޔިތުންނަށް ދިމާވެފައިވާ އަނިޔާވެރިކަމާ ދެކޮޅަށް ޝުއޫރުފާޅުކުރާ އެއްވުމެއްގައި ބައިވެރިވުމަކީ" އެލްޖީއޭގެ ރައީސް އުމަރު ނަސީރު ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ތިނަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި އަދި ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

"އެލްޖީއޭގެ ރައީސް އުމަރު ނަސީރުގެ ސިޓީއަކުން ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ މިނިވަންކަމާ ހައްގުތައް ހަނިކޮށް، ހިފަހައްޓައި ނިގުޅައިގަތުމުގެ ބާއްރެއް ނޯންނާނެކަން ފާހަގަކުރަމެވެ." ތިނަދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ބޭނުން ކޮންމެ ދުވަހަކު، ކޮންމެ ގަޑިއެއްގައި މާލެ ދިއުމަކީ އެހެން ރައްޔިތުންނެކޭ އެއްފަދައިން ކައުންސިލަރުންނަށް ލިބިފައިވާ ހައްގެއް ކަމަށާއި އެއްވެސް ކައުންސިލަރަކު މެއި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވިޔަސް އެއީ ކުށްވެރިވާނެ ކަމެއް ނޫން ކަމަށެވެ.

މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާއަށް ދައުލަތުގެ ޚަރަދުގައި އެއްވެސް ކައުންސިލަރަކު އައިސްފައިވާނަމަ އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅުއަޅާނެ ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވި އެވެ.

އުމަރު ވަނީ އެ މައްސަލަ ބަލައިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަންގައި ވެސް އެދިވަޑައިގެންފައެވެ.