ދިވެހިރާއްޖޭގެ މާލިއްޔަތު ގަވާއިދުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމުގެ ލަފާ އޮޑިޓާ ޖެނެރަލްގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފި އެވެ.

އެކަންކަން ފާހަގަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ހާއްސަ ރިވިއު ރިޕޯޓެއްގައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ހުއްދަނޫން އަމަލުކުރާ ދައުލަތުގެ މުވައްޒަފުން ޖޫރިމަނާ ކުރަމުން ނުދިއުމާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހަރަދުކުރާ ފަރާތްތަކާ މެދު އަޅަންވީ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ބީލަން ހުށަހެޅުމާއި ބީލަން ބަލައިގަތުމާއި ބީލަންތައް ވަޒަންކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރާނެ އުސޫލެއް ކަނޑައަޅާފައި ނުވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ އެފަދަ ކަންތައްތަކަށް ޒިންމާވާ ފަރާތްތަކާ މެދު އަމަލުކުރާ އުސޫލެއް ކަނޑައެޅުމާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރާނެ އަދަދެއް ކަނޑައެޅުމަށެވެ. އެގޮތުން އެފަދަ ކަންކަން އެކަށައެޅުމަށްފަހު މާލިއްޔަތު ގާނޫނުގައި ހިމެނުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

އޭގެ އިތުރުން ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ގޮތްތަކެއް ރޭވިފައި ނުވާކަން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ. އެހެންކަމުން ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅާނޭ ފިޔަވަޅުތަކާއި ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ހިސާބު ބެލުމާއި ފައިސާ ދެއްކުމުގައި ޒިންމާވާ ފަރާތްތައް އެކަން އެންގުމަށް ލަފާދެއްވި އެވެ. އަދި އެފަރާތްތައް ޖަވާބުދާރީ ކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވި އެވެ.

އޭގެ އިތުރުން ރިވިއުގައި ފާހަގަކޮށްފައިވާ މުހިންމު ކައްތައްތަކުގެ ތެރޭގައި ދައުލަތުގެ ޕްރޮކިއުމަންޓްގެ ނަމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިތުރުކޮށްފައިވާ 15 ވަނަ ބާބު އެކުލަވައިލެވުނު މަގުސަދު ހާސިލްވެފައި ނުވުމުން އެ ބާބުގައި ހިމަނާފައިވާ ގަވާއިދުގެ މާއްދާތަކުގެ ގާނޫނީ ހައިސިއްޔަތާއިމެދު ގޮތެއް ނިންމުމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވި އެވެ.

އޭގެ އިތުރުން ލޯކަލް ކައުންސިލްތަކުން މާލީ ކަންކަމުގައި އަމަލުކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށްކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ބައެއް މާއްދާތަކުގައި ފުށުއެރުންތަކެއް ހުރުމުން އެކަންކަން ސާފުކޮށްދިނުމަށް އޭޖީ އެދިވަޑައިގެންނެވި އެވެ.

އެނޫންވެސް އެ ގާނޫނުގައި ފާހަގަކުރެވޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް އޮޑިޓާ ޖެނެރަލް ވަނީ އެ ކަންކަން ހައްލުކުރުމަށް ލަފާ އަރުވާފައެވެ.