އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތްފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އަމާނާ ތަކާފުލް އަށް ފާއިތުވި އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކާފިއެވެ.

އަމާނާ ތަކާފުލްއަށް 2013 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 8.5 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 75.3 މިލިއަން ރުފިޔާ ލިބިފައިވާ ވެއެވެ.

އެ ކުންފުނިން އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބަދަލެއް ދޭންނުޖެހޭ ފަރާތްތަތަކަށް ސާޕްލަސްގެ ގޮތުގައި 13 އިއްސައްތަ ބެހުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ވެއެވެ.

" މި ސާޕްލަސް އަކީ ނޯކްލައިމް ބޯނަސްގެ އިތުރުން ދެވޭ އެއްޗެއް. މިގޮތަށް ސާޕްލަސް ބަހާނީ ހަަމައެކަނި ތަކާފުލް ކޮމްޕެނީ ތަކުން،" އަމާނާއިން 'ސަން' އާއި ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

އަމާނާ ތަކާފުލްގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުުރު މޫކާއި ސޫޓްސްގައެވެ.

އަމާނާ ތަކަފުލް އަކީ ރާއްޖޭގައި އެއްމެ ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ހިދުމަތް ދޭން ފެށި ކުންފުންޏެވެ.