ސައިކަލު ތަކަކަށް ތަޅުދަނޑިއެއް ޖަހަމުން ދަނިކޮށް ހައްޔަރު ކުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 26 އަހަރުގެ މީހާ ހައްޔަރު ކުރީ މާފަންނު ބިސްބުރު ކައިރީގައި ހުރި ސައިކަލްތަކަކަށް ތަޅުދަނޑިއެއް ޖަހަމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ 2:00 ހާއިރު ކަމަށެވެ.

އަދި އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފިޒީ ޑްރިންކް ދަޅުތަކަކާއި ސިނގިރޭޓް ފޮށިތަކެއްގެ އިތުރުން ދެ ފޯނާއި 100 ރުފިޔާގެ ވަގު ނޫޓަކާއި 1800 ރުފިޔާއަށްވުރެ ގިނަ ފައިސާ އާއި ޑޮލަރުތަކެއް ފެނިފައިވެއެވެ.

ފުލުހުން ބުނީ އެމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާއަކީ މަކަރާއި ހީލަތްހެދުމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.