ކުރިއަށް އޮތީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްތަކެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މިހާރު މޫސުން ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ބާރޭވެހޭނެ ކަމަށްވެސް މެޓްއޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

"މެދު ރާއްޖެ ތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވެސް، އަދި ދެނުކުގެ އެކި ހިސާބުތަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ހަމައެއާއެކު ކޮޅިގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓްއޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިހާރު ރާއްޖެއަށް މިކުރާ ވިއްސާރައަކީ ހުޅަނދު މޫސުން ކައިރިވާތީ ކުރާ ވިއްސާރައެކެވެ.