ބްލެކްމެއިލް ކުރި މައްސަލާގައި ސަރުކާރުގެ އިސްވެރިން ހިމާތްކުރުމަށްޓަކައި ނޫސްވެރިނާއި ކަމާ ނުބެހޭ މީހުން ހައްޔަރު ނުކުރުމަށް ޑީއާރުޕީން ފުލުހުންނަށް ގޮވާލައިފި އެވެ.

ދައުލަތުގެ އިސްވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލް ކުރުމަށް ބަޔަކު މަސައްކަތްކުރި ކަމަށް ބުނާ މައްސަލާގައި ދުވަހު ނޫސް ހަވީރުގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ދެ ނޫސްވެރިޔަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ވާހަކަފުޅު ދައްވަވަމުން ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ ފުލުހުން މިހާރު މަސައްކަތް ކުރަމުން އެދަނީ ސަރުކާރުގެ އިސްވެރިން ހިމާޔަތް ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ބަރަހަނާ ވީޑިއޯތަކުގައި ޝާމިލްވާ މީހުން ނުވަތަ ކުށްވެރިން ހައްޔަރު ކުރުމަށާއި އެއީ ސަރުކާރުގެ އިސްވެރިން ކަމުގައި ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ވިޔަސް، އަދި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސް އެމީހަކަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.

"މީޑިއާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އިތުރުން މީޑިއާ އަށް އިހާނެތިކޮށް ކަންކަން ކުރުމާއި ސަރުކާރުގެ ވެރިން ހިމާޔަތް ކުރާ ބައެއްގެ ގޮތުގައި ފުލުހުން ހަރަކާތްތެރި ނުވެ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި މުއައްސަސާގެ އަގު ނުވެއްޓޭ ގޮތަށް ފުލުހުން އަމަލް ކުރަން އެބަޖެހޭ. ކަމުގެ އަސްލުން މުޅިން ނެއްޓި، މިހާރު މިދަނީ މީޑިއާގެ ފަހަތުންނާއި ކުށެއް ނެތް އެހެން މީހުންގެ ފަހަތުން. ކުށްވެރިންނާއި ކުށްކުރި މީހުން އެޓެންޝަނަށް ފުލުހުން ގެންނަ ޖެހޭނީ."

އަލީ ވަހީދު ވިދާޅުވީ އެކަމުގައި ޝާމިލްވާ މީހުން ހައްޔަރު ނޮކޮށް މައްސަލައިގެ ބޭރުން ވަކި ބަޔަކު ހައްޔަރުކޮށް ސުވާލު ކުރުމަކީ ފުލުހުންގެ ޒިންމާއާއި މައްސޫލިއްޔަތާ މެދު ސުވާލު އުފެދޭ ކަމަމެއް ކަމަށެވެ. އަދި އިއްޔެ ހަވީރުގެ ދެ ނޫސްވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރުމަކީ މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ހަވީރު ނޫހުގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫނާއި ލޯކަލް ނިއުސް އެޑިޓަރު އިސްމާއީލް ނަސީރު އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ފުލުހުން އެ މީހުންނާ ސުވާލު ކުރުމުން، އެ ނޫސްވެރިންނަކީ ކުށްވެރިން ކަމަށް ސިފަވާގޮތައް ފުލުހުން އަމަލްކޮށްފައިވުމުން އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ސީރިއެސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ޑީއާރުޕީން ގޮވާލާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.