09 May 2015, 11:35
ޕޭވްމަންޓް މަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވާފައި ދިއުމުގެ ސަބަބުން އެތަނުން މީހަކު މަރުވި މައްސަލައިގައި ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ މައްޗަށް އިއްވާފައިފާ ފަސް އަހަރުގެ ޖަލުހުކުމް އިއްޔެ ބޮމްބޭ ހައިކޯޓުން 'ސަސްޕެންޑު' ކުރުމާއެކު، ސަލްމާން އެނބުރި ފިލްމު ޝޫޓިންއަށް މިއަދު ނުކުންނާނެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްލުމާއެކު ސަލްމާނަށް ސަޕޯޓުކުރާ އެތަކެއް ހާސްބަޔަކު އޭނާ ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްސް ކައިރިއަށް އެއްވެ އުފާފާޅުކޮށްފައިވާ ކަމަށެވެ.
ސަލްމާން ވަނީ އޭނާގެ ފަސް އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ނިމެންދެން އޭނާ މިނިވަންކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، "އަހަންނަށް ހެޔޮދުއާކޮށް ސަޕޯޓުކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.
All those who prayed for and supported me thank u meherbani shukriya .
— Salman Khan (@BeingSalmanKhan)May 8, 2015
ބަންދުން ވީއްލުމާއެކު، އަންނަ ޖުލައި މަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ބޮލީވުޑް ފިލްމު "ބަޖްރަންގީ ބާއީޖާން"ގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ސަލްމާން ކަޝްމީރަށް ދާނޭ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ކަބީރު ޚާން ޑައިރެކްޓް ކުރާ ލޯބީގެ ފިލްމު ބަޖްރަންގީ ބާއީޖާންގައި ސަލްމާނާ އެކު ބަތަލާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ކަރީނާ ކަޕޫރެވެ. ދިއްލީގައި 2014 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި މަސައްކަތްފެށި މި ފިލްމުގެ ޓްރެއިލާ ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23ގައެވެ. އަދި އެ ފިލްމު ސިނަމާތަކާ ހަމައަށް އަންނާނީ ޖުލައި 15ގައެވެ.

ބަޖްރަންގީ ބާއީޖާންގެ ޕޯސްޓަރެއް -- ފޮޓޯ: ޑެއިލީމޯޝަން
މީގެ 13 އަހަރު ކުރީން ހިނގި އެ ހާދިސާއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޝަރީއަތުގައި މިދިޔަ ބުދަ ދުވަހު ސަލްމާގެ މަޗަށް ހުކުމް އިއްވަމުން، ފަނޑިޔާރު ފާހަގަކޮށްފައިވާ ގޮތުގައި މަސްތުގެ ހާލުގައި ހުރެ ބޭކަރީއެއްގެ ކައިރީގައި ނިދާފައިތިބި ބައެއްގެ ގައިމަތީން ކާރު ދުއްވުމުގެ ސަބަބުން މީހަކު މަރުވި މައްސަލައިގެ އިތުރުން ލައިސަންސް ނެތި ކާރުދުއްވުންވެސް ހިމެނެއެވެ.
ސެޕްޓެމްބަރު، 28، 2002 ދުވަހުގެ ރޭ ސަލްމާގެ އެސްޔޫވީ ކާރު ގާތްގަނޑަކަށް ގަޑިއަކު 55 މޭލު ބާރު މިނުގައި ދުއްވާފައި ދަނިކޮށް ހިނގި އެ ހާދިސާގައި ޕޭވްމަންޓު މަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތީން ކާރު ދިއުމުގެ ސަބަބުން އެކަކު މަރުވެ ފަސްމީހަކަށް ސީރިއަސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.
ފަސް އަހަރުގެ ޖަލުހުކުމެއް އިއްވި ނަމަވެސް، ސަލްމާ ވަނީ ހަމަ އެދުވަހު ކަފާލާތުގެ ދަށުން ދެދުވަހަށް ދޫކޮށްލާފައެވެ. އަދި އިއްޔެ ބޮމްބޭ ހައިކޯޓުން ވަނީ، ސަލްމާންގެ އިސްތިއުނާފްގެ މައްސަލަ ނިމެންދެން އޭނާ މިނިވަން ކޮށްފައެވެ. އެގޮތުން ފަނޑިޔާރު ވަނީ އުމުރުން 49 އަހަރުގެ ސުޕަސްޓަރު 30،000 ރުޕީސްގެ ބޮންޑަކާއެކު ކަފާލާތަށް އެދެވޭނޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަލްމާންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާއަށް ގައުމުން ބޭރަށް ދަތުރުކުރެވޭނީ ކޯޓުން ހުއްދަ ލިބިގެން ކަމަށްވެސް ބުނެފައި ވެއެވެ.
ސަލްމާން ޚާންގެ ގެއަށް ޒިޔާރާތްކުރި ބޮލީވުޑްގެ ބައެއް ފަންނާނުން -- ފޮޓޯ: އެންޑީޓީވީ
ސަލްމާންގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް އިއްވުމާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން ބޮލީވުޑްގެ މަޝްހޫރު ތަރީން އަންނަނީ އެނާއަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން އެގެއަށް ޒިޔާރަތްކުރަމުންނެވެ. އޭގެ ތެރޭގައި އާމިރު ޚާން، އަޖޭ ދޭވްގަން، ކަރަން ޖޯހަރު، ސޮނާކްޝީ ސިންހާ، ކަރީނާ ކަޕޫރު، ރާނީ މުކަރްޖީ، ޕްރީތީ ޒިންތާ ފަދަ ތަރީންތައް ހިމެނެއެވެ.