ނައިޖީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ބޯކޯހަރާމްއިން ރަހީނުކުރި 234 އަންހެނުންގެ ތެރެއިން 91 އިންސައްތަ އަންހެނުން ބަލިވެއިނދެފައިވާކަމަށް ޔޫއެންގެ އާބާދީއާ ބެހޭ ފަންޑު، ޔޫއެންއެފްޕީއޭއިން ބުނެފިއެވެ.

ބޯކޯ ހަރާމްގެ އަތްދަށުވި އަންހެނުންގެ ތެރެއިން މާބަނޑުވި 214 އަންހެނުންގެ ބަނޑަށް މިހާރު ވަނީ ހަތަރުމަސް ފުރިފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނަރަލް ބަންކީ މޫންގެ ތަރުޖަމާން ސްޓެފަން ޑުޖޭރިކް ވިދާޅުވީ ބޯކޯހަރާމުން ރަހީނުކޮށްފައި ތިއްބައި ސަލާމަތް ކުރި ގިނަ އަންހެނުން ބަނޑުބޮޑުވެފައިވާއިރު، ބަނޑުބޮޑުވީ ކިތައް އަންހެނުންކަމެއް އަދި ނޭނގޭ ކަމަށެވެ.

ރަހީނުކުރި އަންހެނުންގެ ތެރެއިން ބަނޑުބޮޑުވެފައިތިބީ ޖުމްލަ ކިތަށް މީހުންކަމެއް އަދި ނޭންގެ. އަދިވެސް އެންމެންގެ ޓެސްޓްތައް ނުނިމޭ،" ޑުޖޭރިކް ވިދާޅުވިއެވެ.

ޔޫއެންއެފްޕީއޭއާ ނައިޖީރިއާގެ ބޯނޯ ސްޓޭޓްގެ ސިއްހީ ވުޒާރާއާ ގުޅިގެން މާބަނޑުވި އަންހެނުނަށް ނަފުސާނީ ކައުސިލިން އަންނަނީ ދެމުންނެވެ.

ބަނޑުބޮޑުވި އަންހެނުންގެ ތެރޭގައި މިދިޔަ އަހަރު ނައިޖީރިއާގެ ސްކޫލަކުން ރަހީނުކުރި އަންހެންދަރިވަރުން ހިމެނޭކަން އަދި ކަށަވަރުނުކުރެވޭ ކަމަށް ޔޫއެންއެފްޕީއޭ އިން ބުންޏެވެ.

ނައިޖީރިއާގެ އަސްކަރިއްޔާއިން ވަނީ މިދިޔަ ހަފުތާގައި 527 އަންހެނުން ބޯކޯހަރާމްގެ އަތްދަށުން ސަލާމަތްކޮށްފަ އެވެ.

ސަލާމަތްކުރި އަންހެނުންގެ ތެރެއިން ބައެއް އަންހެނުން ބުނެފައިވަނީ ބޯކޯހަރާމްގެ އަތްދަށުގައި ތިބިއިރު ނުރުހިގެން އެއްޗެއް ބުނެފިނަމަ އެއީ މަރުވުން ކަމަށެވެ.

'ބޯކޯހަރާމް' ކޮންބައެއް

ބޯކޯހަރާމްގެ މާނައަކީ 'ހުޅަނގުގެ ތައުލީމް ހަރާން' މިހެންނެވެ. ބޯކޯހަރާމް އުފެދިފައިވަނީ 2002 ވަނަ އަހަރުއެވެ.

ހުޅަނގުގެ މީޑިއާތަކުން އެ ޖަމާއަތް ސިފަކުރަނީ މުސްލިމުންނަށް ނިސްބަތްވާ ޖަމާއަތެއްގެ ގޮތުގައެވެ.

ނަމަވެސް އިސްލާމީ އުންމަތުގެ އިލުމްވެރިންގެ އިއްތިފާގުން ބޯކޯހަރާމަކީ އެއްވެސް ސިފައެއްގައި އިސްލާމުންނަށް ނިސްބަތްވާ ޖަމާއަތެއް ނޫންކަމަށް ވަނީ ބުނެފައެވެ. އޭގެތެރޭގައި ސައުދީ އަރަބިއްޔާގެ އިސް މުފްތީ ޢަބްދުލް ޢަޒީޒު ބިން ޢަބްދުﷲ އާލްޝައިޚް އާއި ބައިނަލްއަގުވާމީ އިސްލާމީ ޢިލްމުވެރިންގެ ޖަމްޢިއްޔާގެ ރައީސް ޑރ. ޔޫސުފުލް ޤަރުޟާވީ ހިމެނިވަޑައިގަންނަވައެވެ.

ނައިޖީރިއަގެ ސްކޫލަކަށް ޙަމަލާދީ ގިނަ އަންހެން ދަރިވަރުންތަކެއް ވަގަށް ނަގައި ރަހީނުކުރުމާ ގުޅިގެން ސައުދީގެ މުފްތީ އާލްޝައިޚް ވިދާޅުވެފައިވަނީ ބޯކޯހަރާމަކީ އިސްލާމްދީނަށް ނިސްބަތްވާ ޖަމާޢަތެއް ނޫންކަމަށާއި އިސްލާމް ދީން އަނިޔާވެރިވުމާ ލޭއޮހޮރުވުމަށް ހިތްވަރުދީފައި ނުވާކަމަށެވެ.

ބޮކޯހަރާމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ މުޙައްމަދު ޔުސްފް ކިޔާ މީހެކެވެ. އޭނާއަކީ ނައިޖީރީއާގެ ދީނީ ފިރުގާއެއްގެ ލީޑަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ މަރާލެވިފައިވަނީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު ނައިޖީރިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައެވެ.

މުޙައްމަދު ޔޫސުފް: ބޯކޯ ހަރާމްގެ ފައުންޑާ --- ފޮޓޯ އެންޕީއާރް

ބޯކޯހަރާމްގެ މިހާރުގެ ލީޑަރަކީ ޢަބޫބަކުރު ޝައިޚް ކިޔާ މީހެކެވެ. އޭނާގެ ލީޑަރުކަމުގެ ދަށުން "އިސްލާމީ ޚިލާފަތު"ގެ ނަމުގައި ނައިޖީރިއާގައި ވަކިން ދައުލަތެއް އުފައްދާފައިވާކަމަށް އެޖަމާޢަތުން ބުނެއެވެ.

ބޯކޯހަރާމް ގެެ މިހާރުގެ ލީޑަރުކަމަށް ބުނާ އަބޫބަކުރު --- ފޮޓޯ/ އެންޕީއާރް