ސަން ޓްރެވަލްސްގެ ފަރާތުން ތެލެސީމިއާ ސޮސައިޓީއަށް 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ނެޝަނަލް އާޓު ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ސަންޓްރެވަލްސް ގެ ފަރާތުން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރާ ފައިސާ ހަވާލުކޮށްދެއްވީ އެކުންފުނީގެ ޑިރެކްޓަރު ޒުލައިހާ މަނިކެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ފައިސާއާ ހަވާލުވެ ލެއްވީ އެ ސޮސައިޓީގެ ހަޒާން ދާރު އަހްމަދު ޝިފާއު އެވެ.

ސަންޓްރެވަލްސް އިން ބުނީ އެ ކުންފުނީގެ އަހަރީ ދުވަހާ ތެލެސީމިއާ ކުދިންގެ ދުވަހާ ދިމާވުމަކީ ތެލެސީމިއާ ކުދިންނަށް އެ ކުންފުނިން ހާއްސަ ސަމާލުކަމެއްދޭ އެއް ސަބަބުކަމަށެވެ. އަދި ކުންފުނީގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު ސަންޓްރެވަލަސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ މުޖުތަމައުއަށް ފައިދާހުރި ޚިދުމަތްތަކަކަށް އިތުރު ފިޔަވަޅުތަކެއް އަޅަމުން ކަމަށް އެކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ސަންޓްރެވަލްސްގެ އަހަރީ ދުވަހާ ދިމާކޮށް ލޭ ހަދިޔާ ކުރުމުގެ ޚާއްސަ ހަރަކާތެއް މި މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.