08 May 2015, 23:15
ހޮލެންޑްގެ ޕީއެސްވީ އެންދޯވަންއަށް ކުޅެމުންދާ އެގައުމުގެ ގައުމީ ޓީމްގެ ފޯވަޑް މެންފިސް ޑިޕާއީ އަންނަ ސީޒަންގައި އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓަޑާ ގުޅޭގޮތަށް ހަމަޖެހިއްޖެއެވެ.
ޑިޕާއީގެ މެންޔޫއަށް ބަދަލުވަނީ 30 މިލިއަން ޕައުންޑް އަގަކަށެވެ.
ޑިޕާއީ މެންޔޫއާއެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން އޭނާ އެޓީމްގައި 2019 ވަނަ އަހަރާ ހަމަޔަށް ދެމިހުންނާނެއެވެ.
އަންނަ ހަފުތާގައި އޭނާ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރުމަށްފަހު ރަސްމީ ގޮތުން މެންޔޫއާ ގުޅޭނީ ޖޫންމަހުގެ ޓްރާންސްފަރ ދޮރު ހުޅުވުމުންނެވެ.
މިސީޒަންގެ ޑަޗް ކަޕް ނުވަތަ 'އިރިދިވިސީ' މުބާރާތް ޕީއެސްވީއަށް ކާމިޔާބު ކޮށްދިނުމަށް 21 ލަނޑު ޖަހައިދީފައިވާ ޑިޕާއީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މެންޔޫއާއެކު މުބާރާތްތައް ކާމިޔާބު ކުރުމަށް އޭނާގެ ގޯލްތައް ސެޓް ކުރުމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޓޮޓަންހަމްއިންވެސް ވަނީ ޑިޕާއީ ގެނައުމަށް މަސައްކަތްކޮށްފައެވެ.
ޑިޕާއީ ވަނީ މެންޔޫގެ މިހާރުގެ ކޯޗް ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕްގައި ހޮލެންޑްގެ ގައުމީ ޓީމުގައި ކުޅެފައެވެ. ވެންހާލް މެންޔޫއަށް ބަދަލުވީ ވޯލްޑްކަޕަށް ފަހުގައެވެ.

ޑިޕާއީ މިދިޔަ އަހަރު ވޯލްޑްކަޕްގައި ލަނޑު ޖެހުމަށްފަހު އުފާކުރަނީ --- ފޮޓޯ/ ވަންއޯވަންގޯލް
ޑިޕާއީގެ އިތުރުން އަންނަ ސީޒަނާ ކުރިމަތިލާއިރު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުންގެންދާ ފްރާންސްގެ ޕައުލް ޕޮގްބާ އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
ޕޮގްބާއަކީ މީގެ ކުރިންވެސް މެންޔޫގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ. 2009 ވަނަ އަހަރު މެންޔޫއާ ގުޅުމަށްފަހު އެޓީމްގެ 18 އަހަރުން ދަށުގެ ޓީމްގައި ކުޅުމަށްފަހު ސިނިއާ ޓީމުން ކެރިއާ ފެށީ 2011 ވަނަ އަހަރުއެވެ. އެސީޒަންގައި އޭނާ ވަނީ ތިން މެޗްގައި ކުޅެފައެވެ.

ޕޮގްބާ ޔުވެންޓަސްގެ ޖޯޒީގައި ކުޅެނީ --- ފޮޓޯ/ ސްކައިސްޕޯޓްސް
އޭނާ ޔުވެންޓަސްއަށް ބަދަލުވީ މެންޔޫއިން ހުށަހެޅި އެއްބަސްވުމުގައި ސޮއި ނުކުރަންވެގެންނެވެ.