މާލެ އަތޮޅު އަތޮޅު ކައުންސިލްގެ ގަރާރަކުން މާލެ އަތޮޅުގެ ކައުންސިލްގެ ވެރިކަން ތުލުސްދު އަށް ބަދަލުކުރަން އަތޮޅު ކައުންސިލުން ފާސް ކުރުމާ ގުޅިގެން މައްސަލަ ހޫނުވެ އަރައިރުންތައް ހިނގައިފި އެވެ.

ކައުންސިލްގެ ޖަލްސާގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި ނައިބު ރައީސް ރައޫފު ވިދާޅުވީ އަތޮޅު ކައުންސިލްގެ ވެރިކަން ގާނޫނާ އެއް ގޮތަށް އަލުން ތުލުސްދޫއަށް ބަދަލު ކުރުމަށް ގަރާރެއް ފާސްކޮށް މިއަދު ނިންމާފައިވާ ކަމަށައި ނަމަވެސް އެކަން ނިންމެވުމާއެކު އަމަލީ ގޮތުން އެ ބަދަލު ގެނައުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ހުރަސް އަޅައި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީއޭ ކިޔާތަނަކުން އެކަން ކުރިޔަށް ނުދީގެން މިހާރު މިއުޅެނީ، އެބޭފުޅުން ހުރަސް އަޅުއްވަނީ،" ރައުފޫ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އަތޮޅު ކައުންސިލްގެ ހަ މެންބަރުންގެ ޖަލްސާ މިއަދު ފެށުމާއެކު އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ އެއް މެންބަރަކު ޖަލްސާ ވޯކްއައުޓް ކުރައްވާފައިވާ ކަމަށާއި ޖަލްސާގައި އިންނެވި އެމްޑީޕީގެ މެންބަރުވެސް ވޯޓު ދެއްވާފައި ނުވާ ކަމަށެވެ.

ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ ހަމަނުޖެހުންތައް ބޮޑުވެ ޒުވާބުކޮށް އެއްބަޔަކު އަނެއް ބަޔަކަށް އަޑު ގަދަ ކުރަމުންދާއިރު ފުލުހުން ވެސް ހަރަކާތެރިވަމުންދާ ކަމަށާއި މިއަދު ފާސް ކުރި ގަރާރާ ގުޅިގެން ކައުންސިލް ރުޅައިލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު ހަސަން އަފީފު ސިޓީއަކުން މިއަދު ދެއްވާފައިވާ ކަމަށެވެ.

އަތޮޅު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވުމާއެކު ފާސްކުރި ގަރާރުގައި ބުނަނީ މާދަމާއިން ފެށިގެން އަތޮޅު ކައުންސިލްގެ ވެރިކަން ކުރާ ރަށަކީ އަނެއްކާވެސް ތުލުސްދޫ ކަމަށެވެ. އަދި މާފުށީގައި އަތޮޅުވެރިކަން ނުކުރެވޭނެ ކަމަށެވެ.

ތުލުސްދޫގައި އަތޮޅުވެރިކަން ހިނގަމުން ދަނިކޮަށް އެ އަތޮޅު މާފުއްޓަށް އަތޮޅުވެރިކަން ބަދަލުކުރީ 2009 ގައެވެ.