09 May 2015, 00:30
ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ކުރީގެ ރައީސް ރާޖަޕަކްސާއާ ބައްދަލު ކުރެއްވުމުން، އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުން ސިރިސޭނާގެ މަގުބޫލުކަން ދަށްވާނެ ކަމަށް ބުނެ، ސިރިސޭނާ ވެރިކަމަށް އުފުލި، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ބޮޑުންގެ މެދުގައި މައްސަލަ ހޫނުވެއްޖެ އެވެ.
ޔޫއެންޕީގެ އިސް އޮފިޝަލަކު ލަންކާގެ ނޫހަކަށް މިއަދު ވިދާޅުވީ ސިރިސޭނާ ރާޖަޕަކްސާއާ ބައްދަލު ކުރެއްވުމުން ހައިރާންވި ކަމަށާއި ރާޖަޕަކްސާގެ، ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަކީ ހުރިހާ ގޮތަކުން ވެސް ސިރިސޭނާ ބަލިކުރުމަށް މަސައްކަތް ކުރި ޕާޓީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބައްދަލު ކުރެއްވުމުން ސިރިސޭނާގެ އަމިއްލަ އަގު ވެސް ވޯޓުދިން މީހުންގެ ކުރިމަތީގައި ވެއްޓުނު ކަމަށާއި އަދި އެ މީހުންނަކީ ގާނޫނު އަސާސީ އިސްލާހު ކުރުމަށާއި އަދި ހެޔޮ ވެރިކަމުގެ ނިޒާމެެއް ގާއިމު ކުރުމަށް ވޯޓު ދިން މީހުން ކަމަށެވެ.
ލަންކާގެ މަސްދަރުތަކުން ބުނާ ގޮތުގައި އެ ބައްދަލު ކުރެއްވުމަކީ އެ ދެ ބޭފުޅުންގެ ފަހު ބައްދަލުކުރެެއްވުން ކަމަށާއި އެ ބައްދަލު ކުރުމުން އެއްވެސް ނަތީޖާއެއްް ނުނުކުތް ކަމަށެވެ. ރާޖަޕަކްސާ ބޭނުންފުޅުވީ އަންނަ އިންތިހާބުގައި ޕްރައި މިނިސްޓަރު ޕޯޓްފޯލިއޯގެ ޓިކެޓްކަމަށްވެ އެވެ. އެ ބައްދަލު ކުރުމަށް ފަހު ރާޖަޕަކްސާގެ ސަޕޯޓަރުން ބުނަނީ ފަހުގެ ތާރީހެއްގައި އެ ދެ ބޭފުޅުން ބައްދަލު ކުރައްވަން ނިންމެވި ކަމަށެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރާޖަޕަކްސާގެ ސަޕޯޓަރުން މަސައްކަތް ކުރަނީ ސިރިސޭނާ އާ އެކު ޑީލެއް ހަދައި ޔޫއެންޕީގެ ޕްރައި މިނިސްޓަރު ރަނިލް ވިކްރަމަ ސިންހާ ފޭލުކޮށްލުމަށެވެ.
ޔޫއެންޕީ އިން ތަކުރާރުކޮށް ބުނަމުން އަންނަނީ ރައީސްގެ ވައުދާ އެއްގޮތަށް އަވަސް އިންތިހާބެއް ބޭއްވުމަށެވެ. ނަމަވެސް އެޕްރީލް9ގައި ރައީސް ވެފައިވާ ވައުދާ ހިލާފަށް ރައީސް އަމިއްލަފުޅަށް އިންތިހާބު ފަސް ކުރައްވަމުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވިރާ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެސްއެލްއެފްޕީގެ ޑިމާންޑާ އެއްގޮތަށް އިލެކްޓޯރަލް ރިފޯމް ގާނޫނު އަސާސީ އަށް ގެނައުމަށް ފަހު އިންތިހާބު އަވަސް ކުރުމަށް އެ ޕާޓީ އިން އެދޭ ކަމަށެވެ.
ޕާލަމެންޓް އެއްކުރުމަަށް ކަނޑައަޅާފައި ވަނީ މި މަހު 19ގަ އެވެ. އަދި ސަމަރަވީރާ ވިދާޅުވީ އެ ދުވަހު 20 ވަނަ އިސްލާހު ގާނޫނު އަސާސީ އަށް ގެނައުމަށް ފަހު ހަމަ އެ ދުވަހު ޕާލަމެންޓް އުވާލުމަށް އެ ޕާޓީ އިން އެދޭ ކަމަށެވެ.