ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ތައާރަފު ކޮށްދެއްވި ޚާއްސަ ބަލިތަކަށް ފަރުވާ ދެއްވާ "ސުޕަ ސްޕެޝަލިސްޓުން"ގެ ޚިދުމަތުގެ ތެރެއިން ތަފާތު އެކި ދާއިރާތަކުން 18 ޑޮކްޓަރުން ރާއްޖެ ގެނެސްފި އެވެ.

ލެމަންގްރާސްގެ ސިޓްރަންގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ މިފަހަރު ގެނެސްފައި ވަނީ އެކި ދާއިރާތަކުން 18 ސުޕަ ސުޕެޝަލިސްޓުން ކަމަށާއި އެޑޮކްޓަރުން ހަރަކާތްތެރިވާނީ ސ، ތ، ށ، އަދި ބ އަތޮޅުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ބުރުގައި ސުޕަޝަލިސްޓު ޑޮކްޓަރުން ރާއްޖެ ގެނައުމުން އެކަމުގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

ހެލްތު މިނިސްޓަރު އަހްމަދު ޒުހޫރު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިގޮތުން ރާއްޖޭގެ ހަ ދާއިރާއެއްގައި މި ސުޕެޝަލިސްޓުން ކުރިއަށް އޮތް 18 ދުވަހެއްގެ ތެރޭގައި މަސައްކަތް ކުރަމުންދާނެ. އަދި އެގޮތުން މާލެއާ ސ، ތ، ށ، އަދި ބ އަތޮޅުގައި މިބޭފުޅުން މަސައްކަތް ކުރަމުންދާނީ. މި ސުޕެޝަލިސްޓުންގެ ތެރޭގައި ނިއުރޮލޮޖިސްޓުން ކާޑިއަލޮޖިސްޓުން އީއެންޓީ ސުޕެޝިއަލިސްޓުން އޯތު ޕެޑިޝަނުން އޮންކޮލަޖީ އަދި ކެންސަރު ޔުއުރޮލަޖީ އަދި ޖެނެރަލް ފިޒިޝަން ފަދަ ސުޕެޝަލިސްޓުން މި ޓީމުގެ ތެރޭގައި އެބަވޭ،" މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަކީ ރައީސް ޔާމީންގެ ވައުދެއް ކަމަށާއި މުސްތަގުބަލުގައި ޖީޕީ ސިސްޓަމް އެކުލަވާލެވުމުން ސުޕަ ސްޕެޝަލިސްޓުން ބޭނުންވާ ޚާއްސަ އޭރިއާތައް ދެނެގަނެވޭނެ ކަމަށެވެ.

ރާއްޖެއަށް ގެނެސްފައިވާ 18 ސުޕަ ސްޕެޝަލިސްޓުންނަކީ ރާއްޖެއާ އެންމެ ގާތް ގައުމުތަކުގައި ތިބި އެންމެ މޮޅެތި ސުޕެޝަލިސްޓުން ކަމަށް ވެސް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ ސުޕަ ސުޕެޝަލިސްޓު ޑޮކްޓަރުންގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ނަންނޯޓުކުރިނަމަވެސް އޭގެތެރެއިން ޑޮކްޓަރަށް ދެއްކިފައި ވަނި މަދު ބަޔަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިފަހަރު ގެނައި ސުޕަ ސުޕެޝަލިސްޓުންނާ އެކު މިދިޔަ ފަހަރު ޑޮކްޓަރަށް ނުދެއްކި ތިބި ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަދި ޚާއްސަކޮށް އަޅުގަނޑުމެން މިބަލަނީ ރާއްޖޭގައި ޑޮކްޓަރުން އެންމެ މަދު ދާއިރާތަކަށް އަދި ބަލި މީހުން އެންމެ ގިނަ ދާއިރާތަކަށް،" މުޖުތަބާ ވިދާޅުވި އެވެ.

ސުޕަ ސްޕެޝަލިސްޓުންގެ ޚިދުމަތް ދޭން ނިންމާފައި ވަނީ ރާއްޖޭގެ 22 ހޮސްޕިޓަލެއްގަ އެވެ. އެ ހޮސްޕިޓަލްތަކަށް އެކި ދުވަސް މަތިން ސްޕެޝަލިސްޓުން ދަތުރުކޮށް ބަލި މީހުންނަށް ފަރުވާދޭނެ އެވެ.