08 May 2015, 20:37
ޕާކިސްތާނުގައި ޑިޕޮލަމޭޓުންތަކެއް ގޮވައިގެން ދަތުރު ކުރި ހެލިކޮޕްޓަރެއް ވެއްޓި ނޯވޭ ސަފީރާއި ފިލިޕީންސު ސަފީރު އަވަހާރަވެއްޖެ އެވެ.
އެ ހާދިސާގައި ޖުމްލަ ހަތް މީހުން މަރުވި އެވެ.
ޕާކިސްތާނުގެ މިލިޓަރީ އާއި ފޮރިން މިނިސްޓްރީއާ ހަވާލާދީ ދަ ވޯލްޑް ސުޓްރީޓް ޖާނަލް އިން މިއަދު ބުނީ، ރަޝިޔާގައި އުފައްދާފައިވާ އެމްއައި 17 މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނީ، ފަރުބަދަމަތީ ސަރަހައްދު، ބަލަތިސްތާނު ސަރަހައްދަށް ދަތުރު ކުރަނިކޮށް ކަމަށާއި ހެލިކޮޕްޓަރު ވެއްޓި ޖެހުނީ ސްކޫލެއްގައި ކަމަށާއި ނަމަވެސް އެވަގުތު ސްކޫލްގައި އެއްވެސް މީހަކު ނެތް ކަމަށެވެ.
މިލިޓަރީ އިން ބުނީ ހެލިކޮޕްޓަރު ވެއްޓުނު އިރު، ޕާކީސްތާނު ހަ މީހުންނާއި 11 ބިދޭސީންނާ އެކު ޖުމްލަ 17 މީހުން ހެލިކޮޕްޓަރުގައި ތިބި ކަމަށެވެ.
އެ ހާދިސާގައި 13 މީހަކު ސަލާމްވި އެވެ. އެކަމަކު އެކިވަރުގެ އަނިޔާ އާއި ޒަހަމުތަކާ އެކު އެވެ.
ޕާކިސްތާނުގެ މިލިޓަރީ އޮފިޝަލުން ބުނީ ހެލިކޮޕްޓަރު ބަޔަކު ވައްޓާލީ ނޫން ކަމަށާއި މެކޭނިކަލް މައްސަލައެއްގައި ހެލިކޮޕްޓަރު ވެއްޓުނީ ކަމަށެވެ. ނަމަވެސް ތޯލިބާނުން ބުނަނީ އެއީ އެކްސިޑެންޑެއް ނޫން ކަމަށެވެ.
އެ ހާދިސާގައި އަވަހާރަވި ބެފުޅުންގެ ތެރޭގައި ދެ އެމްބެސެޑަރުގެ އިތުރަށް، މެލޭޝިޔާ އެމްބެސަޑަރުގެ އަނބިކަނބަލުންނާއި އިންޑޮނޭޝިޔާ އެމްބެސެޑަރުގެ އަނބިކަނބަލުން ވެސް ހިމެނެ އެވެ. އަދި ދެ ޕައިލެޓުން ވެސް ހިމެނެ އެވެ.
ފިލިޕީންސް ސަރުކާރުން ބުނީ އެ ގައުމުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކީ ކެރިއާ ޑިޕޮލަމޭޓެއް ކަމަށާއި 54 އަހަރުގެ އެ ސަފީރަކީ ފިލިޕީންސް ރައީސްގެ އެވޯޑް ތިން ފަހަރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.
މެލޭޝިޔާގެ ފޮރިން މިނިސްޓްރީ އިން ބުނީ އެ ގައުމުގެ އެމްބެސަޑަރަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.