މައިލޯ އިންޓާ ސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 6-0 ގެ ނަތީޖާއަކުން ގަލޮޅު މަދަރުސާ ބަލިކޮށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.

މައްޗަން ގޯޅިއަށް ނިސްބާތްވާ އަޙްމަދިއްޔާއިން ވަނީ މެޗްގެ ފުރަތަމަ ހާފުގައި ގަލޮޅު މަދަރުސާ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައެވެ.

މިއަދުގެ މެޗްގައި އަޙްމަދިއްޔާގެ އަޙްމަދު އަރަޝް ވަނީ ހެޓްރިކް ހަދާފައެވެ.

އަހްމަދިއްޔާގެ ފުތަރަމަ ލަނޑު ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބުކުރީ އައިމަން ތައުފީޤެވެ. އޭގެ ހަތަރު މިނެޓް ފަހުން މުޙައްމަދު މޫސާ ވަނީ އަޙްމަދިއްޔާގެ ދެ ވަނަ ލަނޑު ކާމިޔަބުކޮށްފައެވެ.

މައިލޯ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ފައިނަލް މެޗްގައި އަހްމަދިއްޔާ އާއި ގަލޮޅު މަދަރުސާ ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެޓިރިކް ހެދި އަރަޝްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައެވެ. އަދި އެލަނޑު ކާމިޔާބުތާ ތިން މިނެޓް ފަހުން އަރަޝް ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ހެޓްރިކްހެދި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓްގައެވެ.

އަޙްމަދިއްޔާގެ ހަ ވަނަ ލަނޑު ދެ ވަނަ ހާފުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޝަހުރަތު ހަމީދެވެ.

މިމުބާރާތުގެ ފެއާޕްލޭ ޓީމަކީ އަޙްމަދިއްޔާއެވެ.

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހާސިލުކޮށްފައިވަނީ މިއަދުގެ މެޗްގައި ހެޓްރިކް ހެދި އަޙްމަދިއްޔާގެ މުޙައްމަދު އަރަޝް އައްސަދެވެ. އެންމެ މޮޅު ގޯލް ކީޕރަކަށް ހޮވިފައިވަނީވެސް އެޓީމްގެ ގޯލް ކީޕަރު ސާލިމް އަޝްރަފެވެ.

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދި އަޙްމަދިއްޔާގެ އަޙްމަދު އަރަޝް: މިއަދުގެ މެޗްގައިވެސް އޭނާ ވަނީ ތިން ލަނޑު ޖަހާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމުބާރާތުގައި އެންމެ މޮޅު 11 ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. ރަނަރަފް ގަލޮޅު މަދަރުސާއިން ހަތަރު ކުޅުންތެރިޔަކު ހޮވިފައިވާއިރު ޗެމްޕިއަން އަހްމަދިއްޔާއިން ހޮވިފައިވަނީ ތިން ކުޅުންތެރިންނެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ ޣާޒީ ސްކޫލާއި މަޖީދިއްޔާ ސްކޫލުން ކޮންމެ ސުކޫލަކުން ދެ ކުޅުންތެރިންނެވެ.