08 May 2015, 21:10
މިއަހަރުގެ ދިރާސީ އަހަރާއެކު ތަންފީޒު ކުރަން ފަށާފައިވާ މަދަރުސީ މަންހަޖާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ މައުރަޒެއް ފަށައިފި އެވެ.
ޖަމާލުއްދީން ސްކޫލުގައި މިއަދު ފެށި އެ މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ފެށި އެ މައުރަޒު ދެ ދުވަހަށް ކުރިއަށްދާނެ އެވެ.
އަލަށް ތަންފީޒު ކުރަން ފަށާފައިވާ މަންހަޖުގެ ދަށުން ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް އެކެއްގެ ކިޔަވައިދިނުމަށް އައިސްފައިވާ ބަދަލުތައް ފުޅާދާއިރާއެއްގައި ބެލެނިވެރިންނާއި އާންމުންނަށް އަންގައިދިނުމަށް ބޭއްވި އެ މައުރަޒުގައި މާލޭގެ ސްކޫލުތަކުން ވަނީ ބައިވެރިވެފައެވެ.
ޖަމާލުއްދީން ސްކޫލުގައި މިހާރު ކުރިއަށް ދާ މައުރަޒުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫޒާ
ފައުންޑޭޝަން ސްޓޭޖަކީ ޕްރީސްކޫލު ދަރިވަރުންނެވެ. އަދި ކީ ސްޓޭޖް އެކަކީ ގްރޭޑް އެކަކާއި ދޭއް އަދި ގްރޭޑް ތިނެކެވެ.
އެ މައުރަޒުގައި އެކި މާއްދާތަކަށް އައިސްފައިވާ ބަދަލުތައް ސްކޫލްތަކުން ސްޓޯލްތަކުގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. ކުޅިވަރުގެ ތެރެއިން ކިޔަވަން ދަސްކޮށްދިނުމާއި މަންޒަރާއި އޯޑިއޯ ދައްކައިގެން ކިޔަވައިދޭ ގޮތްތައް އެ މައުރަޒުގައި ދައްކާނެ އެވެ.
މަދަރުސީ ގައުމީ މަންހަޖާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މާދަމާ ޚާއްސަ ބައްދަލުވުމެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ. ސްކޫލުތަކުގެ ވެރިންނާއި ލީޑިން ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލު ބޯޑުގެ މަންދޫބުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ އެ ބައްދަލުވުން މާދަމާ 09:00 އިން 15:00 އަށް ކުރިއަށް ދާނެ އެވެ.