08 May 2015, 18:45
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސްފިހާރަ ހުޅުވުމަށް އެސްޓީއޯ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނ. ލަންދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފިއެވެ.
ރޭ 8:30 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބޭސްފިހާރަ ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައިރޫފެވެ. އެ ބޭސްފިހާރަ ހުޅުވާފައި ވަނީ އެރަށު ސިއްހީ މަރުކަޒުގެ ތެރޭގައެވެ.
ބޭސްފިހާރަ ހުޅުއްވައިދެއްވުމަށްފަހު މައުރޫފް ސަން އަށް ވިދާޅުވީ އެބޭސްފިހާރައިން އާސަންދައިގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އައިޑީކާޑު ދައްކާލުމުން ފަސޭހަކަމާ އެކު ބޭސްލިބޭއިރު، އެބޭސްފިހާރައިގައި އާންމުކޮށް ބޭނުންވާ ހުރިހާ ބޭސްތައް ވެސް އެބަހުރި ކަމަށެވެ. އަދި އަބަދުވެސް ރައްޔިތުން އާންމުކޮށް ބޭނުންވާ ބޭސްތައް ލަންދޫ ބޭސްފިހާރައިން ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އާންމުކޮށް ބޭނުންވާ ހުރިހާ ބޭސްތަކެއް ލަންދޫ ބޭސްފިހާރާގައި އެބަހުރި. އަދި ރައްޔިތުން އާންމުކޮށް ބޭނުންވާ ބޭސްތައް ދާއިމީކޮށް ލިބޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައި،" މައުރޫފް ވިދާޅުވި އެވެ.
ލަންދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވުމާއެކު، މިހާތަށް ރާއްޖޭގައި ހުޅުވި ބޭސްފިހާރަތަކުގެ އަދަދު ވަނީ 110 އަށް އަރާފައެވެ.