ލަންޑަން (މޭ 8): އިނގިރޭސިވިލާތުގެ ޕާލަމެންޓްރީ އިންތިޚާބުގައި އިދިކޮޅު ލޭބާ ޕާޓީއަށް ގިނަ ގޮނޑިތަކެއް ގެއްލި ހީނުކުރެވޭ ވަރުގެ ކާމިޔާބީއެއް ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ލިބިއްޖެއެވެ.

އިނގިރޭސި ޕާލަމެންޓަށް 650 މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުތައް ގުނަމުންދާއިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ކޮންޒަވެޓިވް ޕާޓީއަށް 281 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު އިދިކޮޅު ލޭބާ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 218 ގޮނޑިއެވެ. އަދި ލެބެރަލް ޑިމޮކްރެޓިކް ޕާޓީއަށް 8 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު ސްކޮޓްލޭންޑްގެ ގައުމީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 56 ގޮނޑިއެވެ. އަދި ޑިމޮކްރެޓިކް ޔުނިޔަން ޕާޓީއަށް 8 ގޮނޑިއެވެ. ބާކީ ގޮނޑިތައް އެހެން ކުދި ޕާޓީތަކަށެވެ.

ވޯޓުގެ ވަގުތީ ނަތީޖާ ރަސްމީގޮތުން ނެރުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ގަޑިން މިއަދު މެންދުރު ފަހުންނެވެ. ގާތްގަނޑަކަށް 64 މިލިޔަން މީހުން ގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސަށް 650 މެންބަރުން އިންތިޚާބުކުރުމަށާއި އެގައުމުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ މިނަތީޖާއަށް ބަލާއިރު ޕާލަމަންޓްގެ އަޣްލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބެއެވެ. ނަމަވެސް ލޭބާ ޕާޓީއަށްވަނީ ގިނަ ގޮނޑިތަކެއް ގެއްލިފައެވެ.

އެންމެ ގިނަ ގޮނޑި ހޯދި ކޮންޒަވެޓިވް ޕާޓީއަށް މިފަހަރުވެސް ޖެހޭނީ އެހެން ޕާޓީއަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށެވެ. 2010 ވަނަ އަހަރު އުފެއްދި ޑޭވިޑް ކެމެރޮންގެ ސަރުކާރަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އިނގިރޭސިވިލާތުގައި އުފެއްދި ފުރަތަމަ ކޯލިޝަން ސަރުކާރެވެ. ކޯލިޝަން ސަރުކާރެއް އުފައްދަންޖެހުނީ އެއްވެސް ޕާޓީއަކަށް އިނގިރޭސި ޕާލަމެންޓްގައި ކަމަށްވާ ހައުސް އޮފް ކޮމަންސް ގެ އަޣްލަބިއްޔަތު ލިބޭވަރަށް ގޮނޑި ކާމިޔާބު ނުވުމުންނެވެ. މިއިންތިޚާބު ބޭއްވުމަށް ދެތިން ދުވަސްވެފައި ވަނިކޮށް ނެގި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ބޮޑު ދެޕާޓީކަމަށްވާ ކޮންޒަވެޓިވް ޕާޓީއާއި ލޭބަރ ޕާޓީއަށްވެސް ރައްޔިތުންގެ ތާއީދުއޮތީ ދާދި އެއްވަރަކަށެވެ. އެއީ 35 އިންސައްތައެވެ. ނަމަވެސް މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ބޮޑުތަފަތާތަކުން ކޮންޒަވެޓިވްޕާޓީ އުޅެނީ ކުރީގައެވެ.

މިއާއެކު މިފަހަރުވެސް ކޯލިޝަން ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބޮޑުވަޒީރަކަށް ވުމުގެ ފުރްސަތު ލިބިވަޑައިގަންވާނީ ޑޭވޮޑް ކެމެރޮން އަށެވެ. ކެމެރޮންގެ ކޮންޒަވެޓިވް ޕާޓީގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ އިގްތިސާދު ރަނގަނޅު ނުވުމުގެ އިތުރުން ތަކެތީގެ އަގުތައްވެސް މައްޗަށްވަނީ ގޮސްފައެވެ. އަދި ކެމެރަންގެ ސަރުކާރުން ގެންގުޅުނު ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަނޅު ކޮށްނުދެވުމުގެ އިތުރުން ރައްޔިތުންނަށްވަނީ ބޮޑެތި ދަތިތަކެއްވެސް ކުރިމަތިވެފައެވެ. (ރޮއިޓާސް)