26 Feb 2011, 14:14
މާލެ ސިޓީގެ މޭޔަރަކަށް ސަރަނގު އާދަމް މަނިކު އަދި ޑެޕިއުޓީ މޭޔަރަކަށް ސަމާހު ރަޝީދު ހޮވައިފައި ވަނީ، އެ މަގާމުތަކަށް ހޮވާނެ ބޭފުޅަކާ މެދު މާލޭގެ ދާއިރާތަކުގެ މަޖިލިސްގައި މަޝްވަރާކުރުމަށް ފަހު ހުށަހަޅައިފައިވާ ގޮތާ ޚިލާފަށް ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ހޮވުމަށް ކައުންސިލަރުން ވޯޓުދެއްވާނެ ގޮތް ބަޔާންކޮށް، ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނަނީ، އެމްޑީޕީގެ ކައުންސިލަރުން ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާނީ، އެ ކައުންސިލެއް ހިމެނޭ ދާއިރާގެ ރައީސާއި ހިންގާ ކޮމިޓީގެ މެދުގައި މަޝްވަރާކުރުމަށް ފަހު ހުށަހަޅާ ގޮތަކާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސްކަމަށް ހޮވާނެ ބޭފުޅެއްގެ ނަން ހުށަހެޅުމަށް އެމްޑީޕީގެ އިދާރާއިން ހުޅުވާލި ފުރުސަތު ރޭ 12:00 ގައި ހަމަވިއިރު، މާލޭ ސިޓީގައި ހިމެނޭ 11 ދާއިރާގެ ތެރެއިން ހަތް ދާއިރާއަކުން ހުށަހަޅައިފައި ވަނީ މާފަންނު ހުޅަނގު ދާއިރާ އިން ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި މުހައްމަދު ފަލާހު މޭޔަރަކަށް ހޮވުމަށް ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ޑެޕިއުޓީ މޭޔަރަކަށްވުމަށް އަޣުލަބިއްޔަތު ލިބިފައިވަނީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު، މައިޒާން އަލިމަނިކަށެވެ.
ނަމަވެސް، މާލެ ސިޓީގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުގައި ނެގި ސިއްރު ވޯޓުގައި، މާލޭގެ މޭޔަރަކަށް ހޮވިވަޑައިގެންފައި ވަނީ، އެ މަގާމަށް ކުރިމަތިނުލައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާ، މާލެ މުނިސިޕަލިޓީގެ ކުރީގެ ރައީސް ސަރަނގު އާދަމް މަނިކެވެ. އޭނާ އަށް އެގާރަ ވޯޓުގެ ތެރެއިން އަށް ވޯޓު ލިބިވަޑައިގަތެވެ.
މާލޭގެ ގިނަ ދާއިރާތަކުން މޭޔަރަކަށް އައްޔަންކުރުމަށް ބޭނުންވި ފަލާހަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އެއް ވޯޓު ބާތިލުވި އެވެ.
މީގެ އިތުރުން ޑެޕިއުޓީ މޭޔަރަކަށް ހޮވުމަށް ދާއިރާތަކުގެ ތާއީދު ލިބިފައިވާ މައިޒާން އަލި މަނިކު، ޑެޕިއުޓީ މޭޔަރު ކަމަށް ވާދަނުކުރައްވަ އެވެ. އެ މަގާމަށް ހޮވިވަޑައިގަތީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ސަމާހު ރަޝީދެވެ. އޭނާއަށް ހަތަރު ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަކުރެއްވީ ސަމާހުގެ އިތުރުން މުހައްމަދު އައިމަން އިސްމާއިލް އާއި މުހައްމަދު އަބްދުލް ކަރީމެވެ.
ޝާހު މިއަދު ވިދާޅުވީ، މާލޭގެ މޭޔަރުން ހޮވައިފައިވަނީ ދާއިރާތަކުގެ ފިކުރާ އެއްގޮތަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އާދެ، ދާއިރާތަކުގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަކަށް ނޫން މޭޔަރުން އެ ހޮވީ،" ޝާހު ވިދާޅުވި އެވެ.
ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ކައުންސިލަރުން އަމަލުނުކުރައްވާ މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ، ގައުމީ މަޖިލީހުގައި ނުވަތަ ޕާޓީގެ އެހެން ގުނަވަނެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.