08 May 2015, 15:45
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 50 މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ 11:30 ހާއިރު 24 މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
"އެ މީހުން ދޫކޮށްލީ އެ ފަރާތްތަކުގެ ތަހުގީގު ނިމި އިތުރަށް ބަންދުގައި ބަހައްޓާނެ ތަނެއް ނުފެނުމުން،" އޮފިޝަލް ވިދާޅުވި އެވެ.
މޭޑޭ މުޒާހަރާ އާ ގުޅިގެން 172 މީހަކަށް ބަންދުގެ މުއްދަތު ޖެހި އެވެ. އެ 50 މީހުން ދޫކޮށްލުމާ ގުޅިގެން މިހާރު ބަންދުގައި ތިބީ 122 މީހުންނެވެ.
އޮފިޝަލް ވިދާޅުވީ މޭޑޭ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 11 މީހަކު އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އަދި ރޭ އިރާކޮޅު 15 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
ބަންދުން ދޫކޮށްލި އެ އެންމެންނަކީ ވެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންނެވެ.